twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެއާޕޯޓްގެ މައްސަލަތައް ހައްލުނުވެދާތީ ޖަމްޝީދުގެ ހިތްހަމަނުޖެހުން، ވިދާޅުވީ ފެންނަނީ ނާއުންމީދުކޮށްކަމަށް

އަބްދުލް ވާހިދު ޙަސަން
May 18, 2022
4

"އަޅުގަނޑުމެންނަށް މިމައްސަލަތައް ހައްލުވާނެ ދުވަހެއް ނޭނގޭ. އެއާޕޯޓްގެ ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު އެބައޮތް. ލައިޓިންގއަށް އަޅުގަނޑުމެން އެގްރިމެންޓްކުރިކަމުގައި ވިޔަސް މި މަސައްކަތެއްވެސް ނުހިނގާ." ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު ވިދާޅުވި އެވެ.

ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލުކުރައްވަމުން ޖަމްޝީދު ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގައި އެންމެ ޑިމާންޑް ބޮޑު އެއާޕޯޓަކީ ކުޅުދުއްފުށީ އެއާޕޯޓް ނަމަވެސް އެތަނުގެ ހުރި މައްސަލަތައް ހައްލުކުމުގައި އެންމެ އެކަށީގެންވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަމުންދޭތޯ ސުވާލު އުފައްދާފަ އެވެ.

އެގޮތުން ލައިޓިންގ ސިސްޓަމާއި އެއާޕޯޓް ހިމާޔާތްކުރުމަށް ހަވާލުކޮށްފައިވާ މަޝްރޫއު ކުރިއަށްނުދާތީ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑުމެންނަށް މިމައްސަލަތައް ހައްލުވާނެ ދުވަހެއް ނޭނގޭ. އެއާޕޯޓްގެ ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު އެބައޮތް. ލައިޓިންގ އަށް އަޅުގަނޑުމެން އެގްރިމެންޓްކުރިކަމުގައި ވިޔަސް މި މަސައްކަތެއްވެސް ނުހިނގާ. އެހެންކަމުން ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފެންނަނީ ވަރަށް ނާއުންމީދުކޮށް." ޖަމްޝީދު ވިދާޅުވި އެވެ.

އެއާޕޯޓްގެ ހިމާޔަތަށް ހުޅަނގު ފަރާތުގައި ޖަހާފައިވާ ހިލަތައް ވެރި އެ ސަރަހައްދުގެ ބޮޑު ބައެއް ގިރައިގެންގޮސްފައިވާތީ އެކަމުގެ ސަބަބުން އެއާޕޯޓްގެ ރަންވޭއަށް ރާޅު އަރައި އެެއާޕޯޓްގެ ހިދުމަތް ހުއްޓިދާނެކަމުގެ ބިރުއޮތްކަންވެސް ޖަމްޝީދު ފާހަގަކުރެއްވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި އެއާޕޯޓް ފެންސުގެ ބޮޑު ބައެއް ވެއްޓުނުކަންވެސް ޖަމްޝީދު ފާހަގަކުރެއްވި އެވެ. އެއާޕޯޓްގެ ހިދުމަތާ ހޮސްޕިޓަލާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ ވިދާޅުވީ، ކޮންމެ ދުވަހަކީވެސް އެއާޕޯޓް މެދުވެރިކޮށް އިތުރު ފަރުވާއަށް މީހެއް މާލެ ފޮނުވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެއާޕޯޓް ހިދުމަތް ހުއްޓުނަ ނުދޭނެކަމަށް

ޖަމްޝީދުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ހުއްޓުނަ ސަރުކާރު ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެއާޕޯޓް ހިމާޔާތްކުރުމަށްކޮށްފައި ހުރި ކަންކަމުގެ ފެންވަރު ދަށްވެގެން މީގެ ކުރިންވެސް ހިއްސާކުރެވި އެކަމަކީ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ކަމަށެވެ.

ބޮޑުހިލަ ޖެހުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާކަން އަސްލަމް ފާހަގަކުރެއްވި އެވެ. ލައިޓިންގ ހަރުކުރުމުގެ މަސައްކަތާ ބެހޭގޮތުން އެއްޗެއް ދަންނަވަން ނޭނގޭ ކަމަށާ އެކަމުގައި ޓްރާސްޕޯޓް މިނިސްޓްރީ ނުވަތަ ރީޖަނަލް އެއާޕޯޓާ ސުވާލުކުރެއްވުމަށް މިނިސްޓަރު އެދިލެއްވި އެވެ.

"ކުރިން ދެންނެވި ފަދައިން އެއްބަޔަކާ ބައިވަރު މަސައްކަތް ހަވާލުކުރީމަ ދިމާވާނެ މައްސަލަ ދިމާވެ. ކޮންޓްރެކްޓްގައި އޮތް ގޮތަށް މަސައްކަތްކުރުމަށް އަޅުގަނޑު ބާރު އަޅާނަން." މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.

ބޮޑު ހިލަ ޖަހަން ހަވާލުކުރީ ފެބްރުއަރީގަ، މަސައްކަތް ކުރިއަކަށްނުދޭ

ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 42.37 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހަ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހު ތެރޭގައި އެވެ. އެހެންނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ކުރިއަށްނުދާތީވެ އެކަމުގެ ކަންބޮޑުވުން އާންމުން ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355