ޓެކާސް މޯލްޑިވްސް ކަޕުގެ ޒޯން 4 ގެ ފައިނަލުގައި ފުޓްސަލްގެ ކިންގުން ހިމެނޭ ގދ. ވާދޫއާއި ޏ. ފުވައްމުލައް ބައްދަލުކުރަން ޖެހިއްޖެ އެވެ.
މިމުބާރާތުގެ ޒޯން 4 ގެ ފައިނަލުގައި ވާދޫއިން ފުވައްމުލަކާ ދެކޮޅަށް ނުކުންނަން ހަމަޖެހިފައިވަނީ މި ހަފުތާގެ އަންގާރަ ދުވަހު އެވެ. މިފައިނަލަށް ދެޓީމު ވެސް ދެކުނުގެ ފައިނަލަށް ދަތުރުކުރުމުގެ އަމާޒުގައި ނުކުންނާނެއިރު މިދެޓީމަކީވެސް ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ދެޓީމެވެ.
ހާއްސަކޮށް ރާއްޖޭގެ ފުޓްސަލް ކިންގްގެ ގޮތުގައި ފާހަގަކުރެވޭ އަޔާޒް އަހްމަދު (އަޔާ) ވާދޫ ޓީމަށް ކުޅޭއިރު ވާދޫގެ ކީޕަރަކީ ވެސް މޮޅު ކީޕަރަކެވެ. ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުގެ ކީޕަރު ޒައިދާން ވަނީ އެންމެފަހުން ގައުމީ ޓީމު ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާ ރާއްޖެއަށް ފުޓްސަލްގައި ލިބުނު ފުރަތަމަ މޮޅު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެއީ މޮންގޯލިއާ އަތުން މޮޅުވި ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
ފުވައްމުލަކު ޓީމުން ފާހަގަކޮށްލެވޭ އެންމެ ނުރައްކާތެރި ކުޅުންތެރިޔަކީ އެޓީމުގެ ޖޯޒީ ނަމްބަރު 11 އަރީޝް އެވެ. ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ ފުވައްމުލަކަށް އެކި މުބާރާތްތަކުގައި ކުޅެދީފަ އެވެ. އިދިކޮޅު ވާދޫގެ އެންމެ ބޮޑު އެއް ފޯކަސްއެއް ކުރާނެ ކުޅުންތެރިންގެ ތެރޭގައި އަރީޝް ހާއްސަކޮށް ފާހަގަކުރެވެ އެވެ.
ފުވައްމުލަކުގެ ޖޯޒީ ނަމްބަރު 25 އިނާން އަކީ ވެސް އެޓީމުން ފާހަގަކޮށްލެވޭ މޮޅު ހުނަރެކެވެ. ވާދޫގެ ކުޅުންތެރިންގެ ނަޒަރު އެންމެ ބޮޑަށް ހުއްޓޭނެ ކުޅުންތެރިންގެ ތެރޭގައި އިނާން ހިމެނޭނެކަމީ ޔަގީންކަމެކެވެ.
ވާދޫ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ޒޯން 4 ބްލޮކް އެކެއްގެ ފައިނަލުގައި ގއ އަތޮޅުގެ ޗެމްޕިއަން ކޮނޑޭ ބަލިކޮށެވެ. ވާދޫއިން ކޮނޑޭ ބަލިކުރީ 2 - 0 ންނެވެ. ފުވައްމުލަކަކީ ބްލޮކް 2 ގެ ޗެމްޕިއަނުންނެވެ.
ޒޯން 4 ގެ ފައިނަލުގައި ވާދޫއާއި ފުވައްމުލައް ބައްދަލުކުރާ މެޗު ކުޅޭނީ ފުވައްމުލަކު ފުޓްސަލް ދަނޑުގަ އެވެ. މިމެޗު ފަށާނީ އަންނަ އަންގާރަދުވަހުގެ ރޭ 20:30 ގަ އެވެ. އަދި މިމެޗުން މޮޅުވާ ޓީމެއް ދެކުނުގެ ޗެމްޕިއަންކަން ހޯދުމަށް ދެކުނު ފައިނަލުގައި ޒޯން 3 ގެ ޗެމްޕިއަން މ. މުލަކާ ބައްދަލުކުރާނެ އެވެ. އެމެޗު އޮންނާނީ މި ހަފުތާގެ ބުދަ ދުވަހު އެވެ.
އެއަށްފަހު ދެކުނުގެ ޗެމްޕިއަންކަން ހޯދާ ޓީމަކުން މުޅި ރާއްޖޭގެ ފައިނަލުގައި އުތުރުގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ. އެމެޗުން ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދާ ޓީމެއް އެނގިގެންދާނެ އެވެ.