މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕުގެ ދެކުނުގެ ފައިނަލުން މ. މުލައް ނަން ނެގުމާއެކު ވާދޫއަށް ދެކުނުގެ ޗެމްޕިއަންކަން ލިބިއްޖެ އެވެ. އަދި ވާދޫއިން މުޅި ރާއްޖޭގެ ފައިނަލުގައި ކުޅުދުއްފުއްޓާ ވާދަކުރަން ޖެހިއްޖެ އެވެ.
ރޭގައި ވާދޫއިން 2 - 1 ން ފުވައްމުލައް ބަލިކޮށް ވަނީ ޒޯން 4 ގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި ދެކުނުގެ ފައިނަލުގައި މުލަކާ ވާދަކުރަން އޮތީ މިރޭ އެވެ. އެހެންނަމަވެސް މާލީގޮތުން ދަށްވުމުގެ ސަބަބުން މިއަދު މުލައް ޓީމުން ދެކުނުގެ ފައިނަލް މެޗު ވަނީ ދޫކޮށްލާފަ އެވެ.
އެހެންކަމުން ވާދޫ މިވަނީ އޮޓޮމެޓިކުން މުބާރާތުގެ ފައިނަލަށް ދެކުނުގެ ޗެމްޕިއަނުންގެ ގޮތުގައި ދަތުރުކޮށްފަ އެވެ. ވާދޫއިން ވަނީ ޒޯން 4 ގެ ބްލޮކް 1 ގެ ފައިނަލުގައި ގއ އަތޮޅުގެ ޗެމްޕިއަން ކޮނޑޭ ބަލިކޮށްފަ އެވެ.
ފައިނަލުގައި އެޓީމުން ނުކުންނަން ޖެހޭނީ އުތުރުގެ ޗެމްޕިއަން ކުޅުދުއްފުއްޓާ ދެކޮޅަށެވެ. ކުޅުދުއްފުށި ފައިނަލަށް ދަތުރުކުރީ އަތޮޅު ފައިނަލުގައި ހަނިމާދޫ ބަލިކޮށް ޒޯން 1 ގެ ފައިނަލުގައި މާފަރު ބަލިކުރުމަށް ފަހު އުތުރުގެ ފައިނަލުގައި ކުޅަދާނަ ދުވާފަރު ބަލިކޮށެވެ.
މިއަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ކުޅުދުއްފުއްޓާ ވާދޫ ބައްދަލުކުރަން ހަމަޖެހިފައިވާއިރު މިމެޗު އެތައް ގޮތަކުން ހާއްސަވެގެންދާނެ އެވެ. ކުޅުދުއްފުށީގައި ވެސް ވަރުގަދަ ޓީމެއް އޮތްއިރު ހާއްސަކޮށް އެޓީމުގެ ކެޕްޓަން އަދި އުތުރުގެ ކެޕްޓަން އަހްމަދު ދާއޫދު (ޑޭވިޑް) ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ޒުވާން ކީޕަރު މާހީ އަކީ ވެސް ކުޅަދާނަ ގޯލްކީޕަރެކެވެ. އަންވަރު ބާޑޭއާއި އަބޫ ބާޑޭގެ އިތުރުން މައްލެ އަކީ ވެސް ފައިނަލުގައި ކުޅުދުއްފުށީ ޓީމުން ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިންނެވެ.
ވާދޫގެ ޓީމަށް ބަލާލާއިރު ވާދޫގެ ޓީމަކީ މުޅި ރާއްޖެއަށް ބަލާލިއަސް ފުޓްސަލްގެ އެންމެ މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ހުނަރުވެރި ޓީމެކެވެ. ހާއްސަކޮށް ފުޓްސަލްގެ ކިންގް ކަމަށް ބުނެވޭ އަޔާޒް އަހްމަދު (އަޔާ) އަކީ މިމެޗުގައި ގިނަ ބައެއްގެ ނަޒަރު ހުއްޓޭނެ ކުޅުންތެރިޔެކެވެ.
މީގެ އިތުރުން ރާއްޖޭން ބޭރުގެ ޓީމުތައް ހިމެނޭ ފުޓްސަލްގެ ބޮޑު މުބާރާތެއްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދި މެޗުގައި ރާއްޖޭގެ ގޯލް ބެލެހެއްޓި ކުޅަދާނަ ކީޕަރު ޒައިދާން އަހްމަދަކީ ވެސް ގިނަ ބައެއްގެ ލޯތައް އަމާޒުވާނެ ކުޅުންތެރިޔެކެވެ. ރާއްޖެއިން މޮންގޯލިއާ ބަލިކުރި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޒައިދާން ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
ވާދޫއާއި ކުޅުދުއްފުއްޓާ އަޅާބަލާއިރު މިދެޓީމަކީ ވެސް ވަރަށް ވަރުގަދަ ދެޓީމެވެ. ހާއްސަކޮށް މިހާތަނަށް މިމުބާރާތުގައި ކުޅުދުއްފުށީގެ ޓީމުން ދައްކަމުން އަންނަނީ މޮޅު ކުޅުމުކެވެ. މިމުބާރާތުގެ ފުރަތަމަ މެޗު ފިޔަވާ އެހެން ހުރިހާ މެޗަކުން ކުޅުދުއްފުށި ވަނީ މޮޅުވެފަ އެވެ. އެހެންނަމަވެސް ވާދޫއިން އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފަ އެއް ނުވެ އެވެ.
މިމެޗަކީ ކުޅުދުއްފުށީގެ ކެޕްޓަން ޑޭވިޑް އަދި ވާދޫގެ ކެޕްޓަން އަޔާގެ ވަރުގަދަ ކުރިމަތިލުމަކަށް ވެގެންދާނެ އެވެ. އަދި މާހީއާއި ޒައިދާންގެ މެދުގައި ވެސް ބޮޑު ވާދަވެރިކަމެއް ފެންނާނެ ފޯރިގަދަ މެޗަކަށް މިމެޗު ވާނެކަމަށް ބެލެވެ އެވެ.
ޓެކާސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އިބްރާހިމް ވިޝާމް ކޭއޯއަށް ވިދާޅުވީ މިމުބާރާތް އަންނަ އަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާތަނަށް މުބާރާތް ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ.
ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުތައް އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހޭއިރު ގްރޫޕްގެ އެއްވަނައާއި ދެވަނަ އަތޮޅު ފައިނަލަށް ދަތުރުކުރާނެ އެވެ. އަތޮޅު ފައިނަލަށް ފަހު މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޖެހިގެން އޮންނަ އަތޮޅުގެ ޗެމްޕިއަނުންނާ އެވެ.
އޭރުން ބްލޮކް ޗެމްޕިއަނުން އެނގިގެންދާނެ އެވެ. ބްލޮކް އެކެއްގެ ޗެމްޕިއަނުންނާ ބްލޮކް ދޭއްގެ ޗެމްޕިއަނުން ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޒޯންގެ ޗެމްޕިއަންކަން ލިބޭނެ އެވެ. އެއަށްފަހު 4 ޒޯންގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭނީ ސެމީ ފައިނަލުގެ މެޗުތަކެކެވެ. މިމެޗުތަކަށް ފަހު ފައިނަލު ކުޅޭ ޓީމުތައް ޔަގީންވުމުން އެދެޓީމުގެ ތެރެއިން ގުރުއަތުން ދިމާވާ ޓީމަކަށް މެޗު ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެ އެވެ. ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަން ޓެކާސްއިން ހާމަކުރެ އެވެ.
ކުޅުދުއްފުއްޓާ ވާދޫ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ފެށޭ ޖޫންމަހުގެ 10 ވަނަ ދުވަހު މާލޭގެ ކުޑަ ހެންވޭރު ފުޓްސަލް ދަނޑުގަ އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 20:30 ގަ އެވެ.