އެހެން ކުޅިވަރުތަކަށް ސިޓީ ކައުންސިލުން ކުރާ ހަރަދު އަންހެނުންގެ ކުޅިވަރުތައް ތަރައްގީކުރުމަށްވެސް، އިސްކަމެއްދީގެން ކުރަން ޖެހޭނެކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރު އާތިފާ އަލީ ވިދާޅުވެއްޖެ އެވެ.
ބަށިބޯޅަ ފައުންޑޭޝަނުން ބާއްވާ، ހދ އަތޮޅު ލީގް ކުޅުދުއްފުށީގައި ބޭއްވުމަށް މަޝްވަރާކޮށް ބަޖެޓް ފާސްކުރުމަށް ބުދަ ދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާތިފާ އަލީ ވިދާޅުވީ، ބަށިބޯޅަ ހދ އަތޮޅު ލީގް އެންމެ ފުރަތަމަ މިއަތޮޅުގައި ބޭއްވުމަށް ބަށިބޯޅަ ފައުންޑޭޝަނުން ނިންމީ ވައިކަރަދޫގައި ކަމަށާ އެހެންނަމަވެސް އެރަށުގައި މިމުބާރާތް ބޭއްވުމަށް ގޮންޖެހުންތަކެއް ދިމާވީ ކަމަށެވެ.
އަދި މިމުބާރާތް މިހާރު ކުޅުދުއްފުށީގައި ބާއްވަން ނިންމާފައިވާއިރު މިރަށަށް މުބާރާތް ގެނެވިފައިމިއޮތީ ވަރަށް މަސައްކަތުން ކަމަށް އާތިފާ ވިދާޅުވި އެވެ. އަދި މިރަށުގައި ބަށިބޯޅައަށް ޝައުގުވެރިކަން ހުރި ވަރަށް ބައިވަރު އަންހެނުން އުޅޭ ކަމަށާ އެ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށްޓަކާ މިރަށުގައި މި މުބާރާތް ބޭއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ފުޓްބޯޅަ އާއި ބާސްކެޓާއި މި އެއްޗެއްސަށް ކުރާ ހަރަދު ހަމަ އަންހެނުންގެ ކުޅިވަރު ތަރައްގީކުރުމަށް. ބަށިބޯޅަ ތަރައްގީކުރުމަށް ކައުންސިލުން ހަމަ އިސްކަމެއްދީގެން ކުރަން ޖެހޭނެކަމެއްކަމަށް ދެކެން." އާތިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިރިހެނުންގެ ކުޅިވަރުތަކެކޭ އެއްގޮތަށް އަންހެނުންގެ ކުޅިވަރުތަކަށްވެސް ސިޓީ ކައުންސިލުން ސަމާލުކަމެއްދިނުމަށް ތަރައްގީގެ ޕްލޭންގައިވެސް ހިމަނާފައިވާނެ ކަމަށެވެ.
ބަށިބޯޅަ ފައުންޑޭޝަނާއެކު ބާއްވާ މި މުބާރާތް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔުމަށް 50،000 ރުފިޔާގެ ބަޖެޓް ފާސްކުރުމަށް އާތިފާ ހުށަހެޅި އެވެ. އާތިފާ ހުށަހެޅި ގޮތަށް މި މުބާރާތަށް ސިޓީ ކައުންސިލުން ހަރަދުކުރުމަށް 50،000 ރުފިޔާގެ ބަޖެޓެއް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.
2015 ވަނަ އަހަރުން ފެށިގެން ބަށިބޯޅަ ފައުންޑޭޝަނުން މުޅި ރާއްޖޭގައި ލީގް އުސޫލުން އަތޮޅުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް މިހާރު ނުބޭއްވި ވަނީ ހއ އާއި ހދ އަތޮޅުގައި އެކަންޏެވެ. ކުޅުދުއްފުށީގައި މި މުބާރާތް މި ޖޫންމަހު 10 ވަނަ ދުވަހު ބޭއްވުމަށް ދަނީ މަޝްވަރާކުރަމުންނެވެ.