އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބައެއް ރަށް ރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ ކޮންފަރެންސް"ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްގެން ބައެއް ބާރުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުފެއްދީ އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް ތަރައްގީގެ މަސައްކަތްތަކުގައި ބައިވެރިކުރަން ކަމަށެވެ.
އެމަނިކުފާނު ވަނީ ކޮމެޓީތަކަށް ކައުންސިލު އިދާރާތަކުން ޖާގަހަމަޖައްސައިދިނުމުގައި ބައެއް ކައުންސިލުތަކުން ފަސްޖެހޭކަމުގެ ޝަކުވާ މަދުންނަމަވެސް ލިބޭކަން ފާހަގަކުރައްވައި އެގޮތަށް ކައުންސިލަކުން އެކަންކުރެވިފައި އޮތް ނަމަވެސް މިހާރުން މިހާރަށް އެކަން ބަދަލުކުރައްވައި ކައުންސިލަށް އޮތް ޖާގައެއްގެ ތެރެއިން ކޮމެޓީއަށް ޖާގަ ހަމަޖައްސައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ކޮމިޓީތައް ހޮވީ ނަމެއްގައި ނޫން ކަަމަށެވެ. ކުނި ނަގާ ނައްތާލަން ވެސް އެކަނި ނޫން ކަމާއި އެފަދަ ހުރިހާ މަސައްކަތެއްގައި ގާބިލް އަދި ކެރިގެން ކުރިމަތިލާނެ ބަޔަކަށް ވާތީ ބައިވެރިވުން ބޮޑުކުރަން ކަމަށެވެ.
މި ސެޝަންގައި ވެސް "ފަނޯއްލަ" ދަރުބާރުގައި މަޝްވަރާކުރެވިފައިވާ ކަންކަމުގެ ތެރެއިން އަންހެނުންގެ ތަރައްގީއާ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ފާހަގަކުރައްވާ ކަންކަމާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހެޅުމާ އަދި ކޮމެޓީތަކުގެ ރައީސުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ފުރުސަތު ދެއްވިއެވެ
މަނިކުފާނު އިތުރަށް ވިދާޅުވީ ކޮމިޓީތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުރީ ނަމެއްގައި ނޫން ކަމަށެވެ. އަންހެނުންނަށް ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށާއި އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
މިއަދު ނިންމާލުމަށް ހަމަޖެހިފައިވާ ވިއަވަތި ކޮންފަރެންސްގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި ކައުންސިލުތައް ބާރުވެރިކުރުމުގެ ގޮތުން ރައީސް ސޯލިހް ފަށްޓަވާފައިވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.