ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ކިޔު ސްޓަޑީ ގުޅިގެން ކުރިއަށްގެންދިޔަ އެޑިއުކޭޝަން މެލޭޝިޔާ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މެލޭޝިޔާގެ 10 ޔުނިވާސިޓީއެއްގެ ރެޕްރެޒެންޓެޓިވްސް ބައިވެރިވި މި އެކްސްޕޯގައި މެލޭޝިޔާއިން ލިބެންހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރި އެވެ.
މިއީ މިފަދަ ގޮތަށް މި ސިޓީގައި އެންމެ ފުރަތަމަ ބޭއްވި މިހާ ބޮޑު އެކްސްޕޯ އެވެ. އެކްސްޕޯއަށް ގިނަ ބަޔަކު ޒިޔާރާތްކޮށް މައުލޫމާތު ހޯދި އެވެ.
ކޭއޯއާ ވާހަކަދައްކަވަމުން ކިޔު ސްޓަޑީގެ އޮފިޝަލަކު ވިދާޅުވީ، މި އެކްސްޕޯއަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ފަދަ އެކްސްޕޯތައް މި ސިޓީގައި ކުރިއަށްގެންދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ގިނަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކުރިއަށްގެންދިޔަ މި އެކްސްޕޯއަށް ޒިޔާރަތްކުރި ބައެއް ދަރިވަރުން ބުނީ، މެލޭޝިޔާގެ މަތީ ތައުލީމަށް ހުރި ގިނަ ފުރުސަތުތަކެއްގެ މައުލޫމާތު އެކްސްޕޯއިން ލިބިގެންދިޔަ ކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ ތަފާތު އެޑިކޭޝަން އެކްސްޕޯތައް އޮންނާނެކަމަށް އުންމީދުކުރާ ކަމަށެވެ.
މެލޭޝިޔާ ފަދަ ގައުމުތަކުގައި މަތީ ތައުލީމަށް ހުރި، ކުރިން ނޭނގޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަކަމަށާއި އަދި ކޯސްތަކުގެ ރަޖިސްޓްރޭޝަން ކަންކަން އަތްފޯރާ ފަށުން ލިބިގެންދިޔުމަކީ ވަރަށް ބޮޑު ފަސޭހައެއްކަން އެތަނަށް ދިޔަ ފަރާތްތަކުން ފާހަގަކުރި އެވެ.