ބަށިބޯޅަ ފައުންޑޭޝަނުން ބާއްވާ، ހދ އަތޮޅު ލީގް މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިއްޖެ އެވެ. ކޮވިޑަށް މެދުކެނޑުމަށްފަހު ބާއްވާ ފުރަތަމަ ލީގްގައި ހދ އަތޮޅުން ބައިވެރިވީ ތިން ރަށުންނެވެ. އެއީ ކުޅުދުއްފުށީގެ ދެ ޓީމަކާއި ނޭކުރެންދޫ ޓީމަކާއި ނެއްލައިދޫގެ ޓީމެކެވެ.
ބަށިބޯޅަ ފައުންޑޭޝަންގެ ރައީސާ ޝިޔާމާ ވިދާޅުވީ، މިއީ މި ލީގް ހދ އަތޮޅުގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށާއި މި މުބާރާތް ބާއްވަނީ ސިޓީ ކައުންސިލުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށެވެ.
މަދު ރަށަކުން ބައިވެރިވިކަމުގައިވިޔަސް މިއީ ބަށިބޯޅަ ހދ ގައި އާލާތްކޮށް ދިރުވުމަށް ލިބުނު ފުރުސަތެއްކަމަށާއި ކުރިއަށް އޮންނަ މުބާރާތްތަކުގައި ހދ އަތޮޅުންވެސް ގިނަ ރަށްތަކަކުން ބައިވެރިވާނެކަމަށް އުންމީދުކުރައްވާކަމަށް ޝިޔާމާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި ކުޅޭ ހަމައެކަނި އަމިއްލަވަންތަ ކުޅިވަރުކަން ފާހަގަކުރައްވަމުން ޝިޔާމާ ވިދާޅުވީ، އަތޮޅު ލީގްގައި ބައިވެރިވުމަށް ހުރިހާ ރަށްތަކަށްވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
ބަށިބޯޅަ ހދ އަތޮޅު ލީގް އެންމެ ފުރަތަމަ މިއަތޮޅުގައި ބޭއްވުމަށް ބަށިބޯޅަ ފައުންޑޭޝަނުން ނިންމީ ވައިކަރަދޫގައި ކަމަށާ އެހެންނަމަވެސް އެރަށުގައި މިމުބާރާތް ބޭއްވުމަށް ގޮންޖެހުންތަކެއް ދިމާވީ ކަމަށް ޝިޔާމާ ވިދާޅުވި އެވެ.
2015 ވަނަ އަހަރުން ފެށިގެން ބަށިބޯޅަ ފައުންޑޭޝަނުން މުޅި ރާއްޖޭގައި ލީގް އުސޫލުން އަތޮޅުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތް މިހާރު ނުބޭއްވި ވަނީ ހއ އާއި ހދ އަތޮޅުގައި އެކަންޏެވެ. ހދ ގެ މުބާރާތް ނިންމޭތަނުން ހއ އަތޮޅުގައި މުބާރާތް ފަށަން މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މުބާރާތުގައި ކުރިން ވައިކަރަދޫގެ ދެ ޓީމަކުންވެސް ބައިވެރިވިނަމަވެސް އެ ޓީމުތައް މިހާރުވަނީ ބައިވެރިނުވާ ގޮތަށް ނިންމާފަ އެވެ.
ސިޓީ ކައުންސިލުން މި މުބާރާތް ކުޅުދުއްފުށީގައި ބާއްވަން އެދުނީ އަންހެނުންނަށް ކުޅިވަރުކުޅުމަށް ފުރުސަތު ހޯދައިދީ ދިވެހިވަންތަ މިކުޅިވަރު އާލާތްކުރުމުގެ ބޭނުމުގައި އެވެ.