ބުރަފަތި ބޯޓެއްގައި ނަމަވެސް މިއަތޮޅަށް ފަތުރުވެރިން ގެނެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފަ.
ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތައް އުޅެނީ ފިނިހަކަ ދުވެލީގައިކަމަށް ވިދާޅުވެ ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ފަތުރުވެރިކަމުގެ ރަން އަހަރުގެ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓްރީން ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތަށް، ހދ އަތޮޅުން ދެ ޑައިވް ސައިޓް ކަނޑައެޅުމާމެދު މަޝްވަރާކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އަމީން މުހައްމަދު ވިދާޅުވީ، އަންނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރަށްވާއިރު އެންމެ ފުރަތަމަ ދައްކަންވީ ވާހަކައަކީ ހދ އަތޮޅަށް ފަތުރުވެރިކަން ގެނެއުމަށް ކުރެވުނީ ކޮންކަމެއްތޯ ކަމަށެވެ.
"އެހެންނަމަވެސް އަތޮޅުގެ ފަތުރުވެރިން ވަންނަ ދޮރާށި އަދިވެސް ހުޅުވާނުލެވި މިހާރު ސަރުކާރަށް ތިން އަހަރުވެގެން ދިޔައީ. އެހެންވީމަ މިއީ އަތޮޅުގެ ލެވެލްގައި އަޅުގަނޑުމެން ދައްކަން ޖެހޭ މުހިންމު ވާހަކަތަކެއް ކަން އަޅުގަނޑުދެކެން." ކުމުންދޫ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާ އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުވެސް ފެންނަނީ ފިނިހަކަ ދުވެލީގައި ކުރިއަށްދާ މަންޒަރު ކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށާއި އަތޮޅު ލެވެލްގައި މިވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް މިދިޔަ މަސްތެރޭގައި ދައުލަތުގެ އިސް ފަރާތްތަކާ ސުވާލުކޮށްލިން، ކިހާ ހިސާބެއްގައި ތޯ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ފެށިގެންދާނީ. ވިދާޅުވީ މިހާރު ހުރިހާ މަސައްކަތްތަކެއް ނިމި އިންޑިއަން އެގްޒިމް ބޭންކަށް ހުށަހެޅިފައޭ ވަނީ." ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ އަމީން ވިދާޅުވި އެވެ.
އަންނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރުކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އެފަދަ މުނާސަބަ ވަގުތެއް އަންނައިރުވެސް ފަތުރުވެރިކަން މިއަތޮޅުގައި ފެށިގެން ނުދާތީ އެކަމާ ގުޅޭ ވާހަކަތައް އަތޮޅުގައި ތަންކޮޅެއް ގިނައިން ދައްކަން ޖެހޭ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް އޮތީ، ބޯޓް ޖެއްސޭ ހާލަތުގައި ކަމަށާއި އެހެންނަމަވެސް އެކަން ކުރެވެނީ އެކަން ކުރަން ތިބި ބަޔަކު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަމީން އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރަން ބޭނުންނަމަ ތިން އަހަރުވެގެންދިޔައިރު ކުޅުދުއްފުށީ އެއާޕޯޓްގައި ލައިޓް ނުޖެހިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެއްދި އެވެ. އަދި ޖާގަ ނެތިގެން ފްލައިޓް އިތުރުނުކުރުމަކީ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ނުކުރެޔޭ މި ބުނާ ސަބަބަކީ ސަރުކާރުން ކުރަން ބޭނުންނަމަ ތިން އަހަރު ދުވަސްވީ ކީއްވެތޯ ކުޅުދުއްފުށީ އެއާޕޯޓްގައި ލައިޓް ނުޖެހިގެން މިއުޅެނީ. ކޮންޓްރެކްޓްވެސް ކުރެވިފައިވަނީ." އެމްޑީޕީއަށް ނިސްބަތްވާ އަމީން ވިދާޅުވި އެވެ.
ސަރުކާރު ނިސްބަތްވާ ޕާޓީގެ މީހަކަށްވެ އެ ވާހަކަ ނުދައްކާ އިނުމަކީ އޭނާގެ ޒިންމާއެއްކަމަށް ދެކިނުލައްވާކަމަށްވެސް ވިދާޅުވި އެވެ. އަމީން ވިދާޅުވީ، މިއަތޮޅަށް ފަތުރުވެރިން އެރުވޭނެ ގޮތެއް ހޯދަން ފަތުރުވެރިކަމާ ބެހޭ ވަޒީރު މިއަތޮޅަށް ވަޑައިގެން ބެލެއްވުމަށް ގޮވާލެއްވި އެވެ. ބުރަފަތި ބޯޓެއް ނަމަވެސް މިއަތޮޅަށް ފަތުރުވެރިން ގެނެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް އޭނާ ސަރުކާރަށް ގޮވާލެއްވި އެވެ.
"މިތަނަށް ފަތުރުވެރިޔަކު އައިސްގެން މިތަނުގެ ޑައިވް ސްޕޮޓްގައި ފޮޓޯއެއް ނަގާލެވޭނީ. އެހެން ވިއްޔާ ނުނެގޭނެ. މިއީ ހަގީގަތުގައިވެސް އަޅުގަނޑުމެން ކަންބޮޑުވެގެންދާން ޖެހޭ ކަމެއް. އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއީ އަތޮޅު ކައުންސިލުން ނިންމައިގެން ކުރެވޭ ވަރުގެ ކަންކަމެއް ނޫން ކަމަށާއި އެހެންނަމަ މިހާރު މިކަން އޮންނާނީ ކޮށްފަކަމަށްވެސް އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ އަތޮޅު ކައުންސިލުންވެސް މިކަމުގައި ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އެކަން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.