twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފުނަދޫ ބިން ހިއްކައިދީ، ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

ނަބީލާ އިސްމާޢީލް
Jun 18, 2022

އަންނަ އަހަރު ށ. ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަންޔޫބީލް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ފުނަދޫގައި އިތުރުވަމުންދާ އާބާދީއާއެކު އަންނަ އަހަރުގެ ބަޖެޓުން ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫގެ ތަރައްގީއަށް މި ސަރުކާރުން ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެދިފައިވާގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނާނެ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށްޓަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުނަދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. އަދި އެކަމުގެ އެންމެ މުހިންމު މަސައްކަތްތައް ހިންގަނީ ތައުލީމީ ދާއިރާގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ފުނަދޫ ސްކޫލުގައި ހައްލުކުރަންޖެހިފައި ހުރި ބައެއް ކަންތައް ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ، މިހާރު ވެސް 15 ކްލާސްރޫމް މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. ޑިސެންބަރު ނިމުމުގެ ކުރިން އެ މަސައްކަތް މުޅިން ނިންމާލުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ފުނަދޫ ސްކޫލަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވަނީ ސްޓާފް ރޫމެއް ހިމެނޭ ގޮތަށް އޮފީސް އިމާރާތެއް ބިނާކުރުން ކަމަށާއި އަންނަ އަހަރު ބަޖެޓުގައި އެކަން ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާ އެކު ހޮސްޕިޓަލަށް ބޭނުންވާ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ވެސް ލަސްތަކެއްނުވެ ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355