ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދެ ދަތުރުފުޅެއް ކެންސަލްކޮށްފި އެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަަކަފުޅުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަރަދު ކުޑަކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ ސާކިއުލާއަށް މަޖިލީހުންވެސް އަމަލުކުރަން އަންގާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ދައުވަތު ލިބިފައިވާ ކަމަށާއި ނަމަވެސް ހަރަދު ކުޑަކުރަން އެ ދެ ދަތުރު ކެންސަލް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލް ކޮށްލަން. އެއީ ސާކިއުލާގައި ވަނީ 5،000ރ. އަށް ވުރެ މަތީ ހަރަދެއް ނުކުރާން. އެހެންވެ ކޮޅުނބާ ހަމަޔަށް ދެވެން މި އޮތީ،" ނަޝީދު ވިދާޅުވި އެވެ.
މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ހުރިހާ އިދާރާތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުންދާ ކަމަށެވެ.
އެހެންވެ މި ދަނޑިވަޅުގައި ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ އެއްވެސް ހަރަދެއް ނުކުރުމަށާއި ހަރަދު ކުޑަކޮށް އިގްތިސާދު ކުރުމަށް އެ ސާކިއުލާގައި ވަނީ އަންގަވައިފަ އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވެއެވެ. އެ ގޮތުން މުވައްޒިފުންގެ ޕްރޮމޯޝަންތައް މެދުކަނޑާލުމަށާއި ރަސްމީ ގަޑީގެ އިތުރުން އެހެން ގަޑީގައި ކޮންމެހެން ކުރުވަން ޖެހޭ މަސައްކަތެއް ނޫނީ ނުކުރުމަށެވެ. އަދި ދައުލަތުން ހަރަދު ކުރަން ޖެހޭ ގޮތަށް މުވައްޒިފުންނަށް ދޭ ސްކޮލާޝިޕްތައް މިވަގުތު ނުފެށުމަށާއި ހިދުމަތް ހޯދުމުގައި ކޮންމެހެން ހޯދަން ޖެހޭ ހިދުމަތެއް ނޫނީ ނު ހޯދުމަށެވެ.
މީގެ އިތުރުން މަރާމާތުގެ މަސައްކަތްތައްވެސް މަޑު ޖައްސާލުމަށް އެދިފައިވެއެވެ. އަދި އޮފީސްތަކުން ކުރާ ކަމަކަށް 5،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހަރަދުވާނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް ފަހު ނޫނީ ނުކުރުމަށާ އެފަދަ އިން ކުރާ ކަމެއްވެސް އެއީ ކޮންމެހެން ކުރަން ނުޖެހޭ ކަމެއް ނަމަ ނުކުރުމަށެވެ.