އަތޮޅު ތެރޭގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް ނިންމަން އިތުރު ގަޑީގައި ނިކުންނަ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ފާސްކުރީ 53 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި ކްރިމިނަލް ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމަން އިތުރު ގަޑީގައި މަސައްކަތް ކުރާ ގާޒީންނަށް އެލަވަންސެއް ދިނުމަށް ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ.
ފަނޑިޔާރުންގެ މުސާރަތަކަށް އެއްވެސް ބަދަލެއް ގެންނަނަމަ އެ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ.
މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން އެ ކޮމިޝަނުން ހުށަހެޅީ އެކަމަށް އިތުރަށް ހޭދަކުރާ ޖުމްލަ އަދަދު އަހަރަކު 3.7 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ބަޖެޓަކުން މުސާރަ ބޮޑުކުރުމަށެވެ.
ޖޭއެސްސީގެ ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވެސް ހުއްދަ ދީފައިވާތީ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީން ވެސް ނިންމާފައި އޮތީ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތައް ނިންމަން އިތުރު ގަޑީގައި ނިކުންނަވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ހުށަހެޅުއްވީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
ޑީޖޭއޭގެ ހުށަހެޅުން މަޖިލީހުން ފާސްކޮށްފައިވާއިރު ނުނިމި ފުނިޖެހިފައިވާ ޖުމްލަ 1،182 މައްސަލަ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ބަލައި ނިންމާނެ އެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތައް ނިންމަން އިތުރު ގަޑީގައި ނިކުންނަ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ހުށަހެޅުއްވީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
ޑީޖޭއޭ އިން ހުށަހެޅީ އިތުރު ގަޑީގައި މަސައްކަތަށް ނިކުންނަ ކޮންމެ ފަނޑިޔާރަކަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ.