އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެހީގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް އެވެ.
މި އެހީ އަކީ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް)" މަޝްރޫއަށް ދޭ 24 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޒަރީއާ އިން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް ފަންޑެއް ގާއިމުކުރުމަށް އެހީތެރިވެދޭނެ އެވެ. މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިވަގުތު ފޯރުކޮށްދެވޭ އިޖުތިމާއީ ރައްކާތެރިކަމުގެ ހަމައެކަނި ވަސީލަތަކަކީ ޕެންޝަން ކަމަށްވާއިރު، އޭގެ ސަބަބުން މަސައްކަތްތެރިން ލޮޅުންތަކަށް ހުށަހެޅޭ މިންވަރު ބޮޑެވެ.
ސެއިލްސް މަޝްރޫއު ކުރިއަށް ގެންދާނީ، އިކޮނޮމިކް މިނިސްޓްރީއާއި ޕެންޝަން އޮފީހާ ގުޅިގެންނެވެ. 'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް' ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީއާއި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، އެންވަޔަރްމަންޓް މިނިސްޓްރީންނެވެ.
މި އެހީގެ ދަށުން "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް' އަށް ދޭ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކޮށް، އޮންލައިންކޮށް ދެވޭ ހިދުމަތްތަކާއި މުއާމަލާތްތައް ފަސޭހަކުރުމަށްޓަކާ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ އެވެ.
ހަމަ އެއާ އެކު ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާއި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދެވޭނެ އެވެ.