ކައުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ބަދަލުކޮށްފިއެވެ. މީގެ ކުރިން ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރަނީ ކޮންމެ އަހަރެއްގެވެސް ހައްޖުމަހުގެ 9ވަނަ ދުވަހުއެވެ.
ނަމަވެސް ސައުދީ ސަރުކާރުން މިފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށް ނިންމީ މުހައްރަމްމަހުގެ 1ވަނަ ދުވަހުއެވެ. ހައްޖު ދުވަހުގެ ހެނދުނު ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. މިގޮތަށް ކަންތައް ކުރަނީ އެ ވަގުތަކީ ހައްޖުގެ އަޅުކަމުގައި އަރަފާތަށް ހައްޖާޖީން ގޮސް ގެފުޅު ސަރަހައްދު އެންމެ ބޮޑަށް ހުސްވާ އެއް ވަގުތަށް ވާތީ، މަސައްކަތަށް ފަސޭހައަކަށެވެ.
ގެފުޅުގެ ކިސްވާ ނުވަތަ އުރަކޮޅު ބަދަލުކުރަނީ އެކަމަށް ކަނޑައަޅާފައިވަ ހާއްސަ ޓެކްނިކަލް ޓީމަކުންނެވެ.
ފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ ފަށުވިންނެވެ. އަދި އުރަކޮޅުގައި ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އިސްމުފުޅުތަކާއި ތަސްބީހަތައް ލިޔެފައި ވަނީ ރަނާއި ރިހީގެ އަސްލާކުންނެވެ. ގެފުޅުގެ ކިސްވާ އެކުލެވިގެންވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ގެފުޅުގެ ހަތަރު ފާރުގެ ތެރެއިން ކޮންމެ ފާރެއް ނިވައި ކުރުމަށް ވެސް ބައެއް ހިމެނޭ ގޮތަށެވެ.
އުރަކޮޅުގެ އިތުރުން ގެފުޅުގެ ދޮރުކޮޅަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ދޮރުފޮތިގަނޑެއް ވެސް ހިމެނޭއިރު އުރަކޮޅު ބަދަލުކުރާއިރު ކޮންމެ އަހަރަކު މި ފޮތިކޮޅުވެސް ބަދަލު ކުރެއެވެ.
1927 ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީއެއް ގާއިމުކޮށްފައިވާއިރު އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރާކަންވެސް ފާހަގަކޮށްލެވެއެވެ.
ބަރުދަނުގައި 850 ވަރަކަށް ކިލޯ ހުންނަ ކިސްވާ ހެދުމަށް 52 މިލިއަން ރިޔާޟް ނުވަތަ 6.5 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެ އެވެ. އެހެންވެ މިއީ މިފަދަ ބޭނުމަކަށް ދުނިޔޭގައި ހަދާ އެންމެ އަގުބޮޑު އުރަ އެވެ.
ހަރަމްފުޅުގެ އިމާމް އަދި ދެ ހަރަމްފުޅުގެ އިންތިޒާމްތަކާ ބެހޭ ކޮމިޓީގެ ރައީސް އަބްދުއްރަހްމާން އާލް ސުދައިސް ވިދާޅުވީ ކިސްވާ ބަދަލުކުރުމުގެ އާންމު އުސޫލަށް ބަދަލު ގެނައީ ރަސްގެފާނުގެ ގަރާރަކުން ވަރަށް ފަހުން ކަމަށެވެ.