އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
މޯދީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ހަ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. އަދި މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ދެ ބޭފުޅުން ވަނީ ފައްޓަވައި ދެއްވައިފައެވެ.
އޭގެ ފަހުން، ދެ ބޭފުޅުން ވަނީ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދެއްވައިފައެވެ. މި ޕްރެސްގައި މޯދީ ވިދާޅުވީ، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމާއި މިހާރު ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ އިތުރު ޖޯޝެއް ގެނުވައިފިކަމަށެވެ.
މޯދީ ވިދާޅުވީ ރާއްޖޭގައި މިހާރު ފަށާފައިވާ ޕްރޮޖެކްޓުތައް ކަނޑައެޅިފައިވާ ތާރީހުތަކުގައި ނިންމުމަށް، އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މޯދީ ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމަކީ ރާއްޖެ އާއި އިންޑިއާގެ ސަލާމަތަށް ވެސް އެހާމެ މުހިންމު ކަމެއް ކަމަށާއި އިންޑިއާ ކަނޑުގައި ހިންގާ ޑްރަގް ޓްރެފިކިންނާއި ޓެރަރިޒަމްގެ އަމަލުތަކާއި އަދި އެހެންވެސް ކުށްތައް ހުއްޓުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޒާމާނުންސުރެވެސް އިންޑިއާ އަކީ ރާއްޖެއަށް ބޭނުން ޖެހޭ ކޮންމެ ވަގުތެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެއް ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް އެކަން އެގޮތަށް ދަމަހައްޓާނެކަމުގެ ޔަގީންކަން މޯދީ ވަނީ ރައީސް ސޯލިހުއަށް ދެއްވާފައެވެ.