އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމްގެ ގަދަ ވިއްސާރައިގައި ކުޅުދުއްފުށީ، އާރުޓީއެލް ބަނދަރުގައި ގާއިމުކޮށްފައިވާ ފްލޯޓިންގ ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެގޮތުން ރޭ ދަންވަރު އައި ވިލާގަނޑެއްގައި ފްލޯޓިން ޖެޓީގެ ބައެއް ވަކިވި އެވެ. އަދި އެހެން އޮއްވާ މިއަދު މެންދުރުގެ ވަގުތެއްގެ އިތުރު ބައެއްވެސް ޖެޓީން ވަކިވެ، ޖެޓީ ވަނީ ތިން ބުރިވެފަ އެވެ.
މި ވިއްސާރައިގައި އެހެން ބައެއް ގެއްލުންތައްވެސް ބަނދަރަށްކޮށްފައި އެބަހުއްޓެވެ. އެގޮތުން ބަނދަރުގެ ގިނަ ބޮއިތައް ހުރީ ކަނޑައިގެން ގޮހެވެ.
އޭޑީބީގެ ފަންޑާއި ދިވެހި ސަރުކާރުގެ ހަރަދުގައި ދާދިފަހުން ގާއިމުކުރި މި ބަނދަރުގައި ފްލޯޓިންގ ޖެޓީއެއް ގާއިމުކުރީ، ބަނދަރުގެ ބޭރު ތޮއްޓަށް އޮޑިދޯނިފަހަރު ގާތްކުރެވޭނެ ގޮތެއް ހެދުމަށް ކައުންސިލުން އެދުމުންނެވެ.
ބޭރު ތޮއްޓަށް އޮޑިދޯނިފަހަރު ގާތްކުރެވޭނެ ގޮތް ހެދުމުގެ ބަދަލުގައި ސަރުކާރުން ނިންމީ ހަރަދުކުޑަކުރުމުގެ ގޮތުން ފްލޯޓިންގ ޖެޓީއެއް ލުމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހަދައި މިބަނދަރުގައި ގިނަ މައްސަލަތަކެއް ހުރުމުން ކުރީގެ ކައުންސިލާއި މިހާރުގެ ކައުންސިލުންވެސް ވަނީ ބަނދަރާ ހަވާލުވުމަށް ދެކޮޅު ހަދާފަ އެވެ. އެހެންނަމަވެސް މިހާރާ ބަނދަރާ ހަވާލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.