twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި، ކުޅުދުއްފުށީ ސްކޫލުތަކުގައި 2954 ދަރިވަރުން!

އަބްދުލް ވާހިދު ޙަސަން
Aug 7, 2022
2

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔައީ ދަރިވަރުންނަށެވެ. ސްކޫލަށް ނުދެވި އެންމެ އެކަށީގެންވާ ތައުލީމީ ފުރުސަތު ނުލިބި ކިޔެވުމަށް ނޭދެވޭ އަސަރުތަކެއްކުރި އެވެ.

އެކަމަކު 2022-2023 އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެންމިދިޔައީ އާ އުންމީދުތަކާއެކު އެވެ. އާ ދިރާސީ އަހަރުގެ ކިޔެވުމާއެކު ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލާއި ޕްރައިވެޓް ސްކޫލެއްކަމަށްވާ ސްމާޓް ވެލީގެ ކިޔެވުންވެސް ވަނީ ފެށިފަ އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ އާބާދީ ފާއިތުވި އަހަރާ ބަލާއިރު އިތުރުވެއްޖެ އެވެ. މިއަހަރު މިރަށު ސްކޫލުތަކުގައި 2954 ދަރިވަރުން ތައުލީމް ހާސިލުކުރާއިރު މިދިޔަ ދިރާސީ އަހަރުގެ އެ އަދަދު އުޅެނީ 2،812 ގައި އެވެ.

2019 ވަނަ އަހަރު މިރަށު ސްކޫލުތަކުގައި ތައުލީމު ހާސިލުކޮށްފައިވަނީ 2736 ދަރިވަރުންނެވެ.

މިއަހަރުގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރަނީ ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި އެވެ. އެ ސްކޫލުގައި މިއަހަރު ޖުމްލަ 1036 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.

ބޮޑު އާބާދީއާ ހެދި އެ ސްކޫލުގައި މިއަހަރު ކިޔަވައިދޭނީ ދެ ދަންފަޅިއަށެވެ. އެ ސްކޫލަށް އެންމެ ގިނަ ދަރިވަރުން ވަދެފައިވަނީ އެލްކޭޖީއަށެވެ. އެ ގްރޭޑަށް 97 ދަރިވަރުން ވަދެފައިވާއިރު ޖުމްލަ މުޅިން އަލަށް އެ ސްކޫލާ ގުޅިފައިވަނީ 123 ދަރިވަރުންނެވެ.

ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 އަކަށް މިއަހަރު ކިޔަވައިދޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު 998 ދަރިވަރުން ތައުލީމު ހާސިލުކުރާނެ އެވެ. އެ ސްކޫލަށް މުޅިން އަލަށް 141 ދަރިވަރަކު ގުޅުނުއިރު އެލްޖީއޭއާ ގުޅިފައިވަނީ 115 ދަރިވަރުންނެވެ.

ގުރޭޑް 1-12 އަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުގައި މި އަހަރު ޖުމްލަ 693 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެ ސްކޫލަށް ގުރޭޑް 1 އަކަށް މިއަހަރު އަލަށް 49 ދަރިވަރުން ވަދެފައިވާއިރު މުޅިން އަލަށް އެ ސްކޫލާއި 69 ދަރިވަރަކު ގުޅިފައިވެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި އަމިއްލަ ފަރާތްތަކުން ހިންގާ ޕްލޭ ސްކޫލެއްކަމަށްވާ ސްމާޓް ވޭލީ ސްކޫލުގައި މިއަހަރު 227 ދަރިވަރުން ކިޔަވާނެ އެވެ. އެއީ ބޭބީ ނަސަރީގައި 105 ދަރިވަރުންނާއި ނާސަރީގައި ކިޔަވާ 122 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355