ކާމިޔާބު ލިބުން އޮތީ ނަމާދުން ކަމަށާއި ކޮންމެ ދަރިވަރަކުވެސް ސްކޫލަށް އަންނައިރު އަޒުމު ކަނޑައަޅަންވީ، ފަތިސް ނަމާދުކޮށްގެން ސްކޫލަށް އައުމަށްކަމަށް ވިދާޅުވެ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު މަތީން ދަރިވަރުންނަށް ނަސޭހަތްތެރިވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން މިއަދު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ އެސެމްބްރީގައި ވާހަކަދައްކަވަމުން މަތީނު ވިދާޅުވީ، ކާމިޔާބު ލިބޭނީ ބަރާބަރަށް ނަމާދުކޮށް ދީނީ ކަންކަމަށް ފަރުވާތެރިވާ ބަޔަކަށްކަމަށާ އެހެންވުމުން ކޮންމެ ކުއްޖަކުވެސް އަޒުމު ކަނޑައަޅަންވީ ސްކޫލަށް އަންނައިރު ފަތިސް ނަމާދުކޮށްގެން ސްކޫލަށް އައުމަށް ކަމަށެވެ.
"ފުރަތަމަ ކަމަކަށް ތި ކުދިން ކާމިޔާބު ހޯދަން ބޭނުންވާކަމުގައިވާނަމަ، ތި ކުދިންނަކީ ދީނީ ކަންކަމަށް ސަމާލުކަންދޭ ޖެހޭ ކުދިންތަކަކަށް ވާން އެބަޖެހޭ." ޕްރިންސިޕަލް މަތީން ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކުވެސް އެބަ ގޮވާލެވޭ 5 ފަހަރު ފަލާހާ ކާމިޔާބީ ލިބިގަތުމަށް. ފަލާހާ ކާމިޔާބު ހޯދަން މިސްކިތަށް ނަމާދަށް އަންނާށޭ ނޫނީ ނަމާދުކުރާށޭ. ފުރަތަމަ އަޒުމް ކަނޑައަޅަންވީ ސްކޫލަށް އަންނާނީ ފަތިސް ނަމާދުކޮށްގެންކަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ. ކާމިޔާބު ފެށުމަކީ އެހާ ހިސާބު. ފަތިސް ނަމާދުން ދުވަސް ފަށަމާ ހިނގާ އެ އިރުން ކާމިޔާބު ލިބޭނެ." ދާދި ފަހުން އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެލެއްވި މަތީނު ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމަށްފަހު ދިރާސީ އަހަރުގެ ފެށުނުއިރު މި އަހަރަކީ ވަރަށް ތަފާތު އަހަރަކަށް ވެގެންދާނެކަމަށާއި ކުދިންގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ ވަރަށް ގިނަ ކަންކަމަކާއެކު، ދަރިވަރުންގެ ލީޑަރޝިޕްގެ ރޯލްތައް ލިބުމުގެ ފުރުސަތު ފަހިވެ ކުދިން ސްކޫލަށް އަންނަހިތްވާ ގޮތަށް ކިޔެވިގެންދާނެ އަހަރަކަށް މިއަހަރު ވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
""ކޮންމެ ދުވަހަކުވެސް އެބަ ގޮވާލެވޭ 5 ފަހަރު ފަލާހާ ކާމިޔާބީ ލިބިގަތުމަށް. ފަލާހާ ކާމިޔާބު ހޯދަން މިސްކިތަށް ނަމާދަށް އަންނާށޭ ނޫނީ ނަމާދުކުރާށޭ. ފުރަތަމަ އަޒުމް ކަނޑައަޅަންވީ ސްކޫލަށް އަންނާނީ ފަތިސް ނަމާދުކޮށްގެންކަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ. ކާމިޔާބު ފެށުމަކީ އެހާ ހިސާބު. ފަތިސް ނަމާދުން ދުވަސް ފަށަމާ ހިނގާ އެ އިރުން ކާމިޔާބު ލިބޭނެ."ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް
ދަރިވަރުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޕްރިންސިޕަލް މަތީނު ވިދާޅުވީ، ކުލަބު ޖަމިއްޔާތަކާއި ކުދިން އަމިއްލައަށް އިސްނަގައިގެން ބައިވެރިވެ ކުރިއަށްދާނެ ވަރަށް ގިނަ ހަރަކާތްތައް މިއަހަރު ސްކޫލުގައި ރޭވިފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ގިނަ ކުޅިވަރު ހަރަކާތްތަކާއި އަދަބީ ހަރަކާތްތަކާއި އެކި ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަކޮށް ހުރިހާ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.
މަތީނު ވިދާޅުވީ، އެކަމަކު އެ ފުރުސަތުތަކާއި ކާމިޔާބު ހޯދުމަށްޓަކާ ދަރިވަރުން ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ކާމިޔާބީއަކީ މަސައްކަތްކުރާ ކުދިންގެ ހައްގެއްކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވި އެވެ.
ސްކޫލް މާހައުލަކީ ދަރިވަރުން ހިތްހަމަޖެހޭ މާހައުލަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ ރަނގަޅުކުރުމަށް ކަނޑައަޅައި ވަކި ޓާގެޓަކަށް މަސައްކަތްކޮށް ވަކި މިސްރާބަކަށް ދަތުރުކުރުމަށް އެދުނެވެ.
"އެއްވެސްކަމެއް ކާމިޔާބެއް ނުވާނެ ތި ކުދިން ހާސިލްކުރަން ބޭނުންވާ ޓާގެޓް ކަނޑަނާޅަ މަސައްކަތް ކުރާނަމަ. މަސައްކަތް ކުރާނެ ޕްލޭނެ ކަނޑަނާޅާނަމަ. ދަތުރުކުރާ ދޯނިވެސް އެ ދޯނި ދުއްވާފަގޮސް ދާންވާ މިސްރާބު ކަނޑަނާޅާ ދުއްވާކަމަށްވަންޏާ ގޮސް ފަރަކަށް މި އަރަނީ. ނޫނީ ކޮންމެވެސް ދެރަކަމެއް މި ދިމާވަނީ." ޕްރިންސިޕަލް މަތީނު ވިދާޅުވި އެވެ.
ރާއްޖޭގެ ދަރިވަރުންނަށް ލިބިފައިމިވާ ފަހި ފުރުސަތަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ދަރިވަރުންނަށް ނުލިބޭނެ ފަހި ފުރުސަތުތަކެއްކަން ފާހަގަކުރައްވަމުން މަތީނު ވިދާޅުވީ، ދަރިވަރުންނަށް ލިބިފައި މިއޮތް ފަހި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެލެއްވި އެވެ.
"އެހެންވީމަ އެކަމަށް ބޭނުންވާ ހުނަރުތައް މިތަނުން ނުހޯދާ ތިކުދިން ސްކުލޫގެ އިލްމީ ހިޔާއިން ނިކުމެއްޖެނަމަ ވާނީ ނާކާމިޔާބު ކުދިންތަކެއްކަމުގަ. އެހެންވީމާ ހުރިހާ ކުދިންވެސް ތިކުދިންނަށް ބޭނުންވާ ހުނަރުތަކާ ތިކުދިންނަށް ބޭނުންވާ އިލްމު ސްކޫލު މާހައުލުން މި ފަހިވި ފުރުސަތުގެ ބޭނުން ހިފައިގެން ހާސިލްނުކޮށްފިނަމަ އޭގެން ތިކުދިންނަށް ހިތާމަކުރަންޖެހޭ އެތައް ކަމެއް ދިމާވާނެ." މަތީނު ވިދާޅުވި އެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް ދިހައަކާ ހަމައަށް ތައުލީމު ފޯރުކޮށްދޭ މަދަރުސާ އެކެވެ. މިއަހަރު މި ސްކޫލުގައި ހާހެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރާނެ އެވެ.