މި އަހަރު ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޔޫއެން ރެސިޑެންޓް ކޯޑިނޭޓާގެ އޮފީހާ ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ ޒުވާނުންގެ ދުވަހާ ގުޅިގެން ގިނަ ކަންކަން ކުރަން ރޭވިފައިވާކަމަށެވެ.
އެގޮތުން ޖީލުތައް އެއްބައިވަންތަކަމާ ގުޅޭ ވީޑިއޯ އިފްތިތާހުކުރުމާއި ޒުވާނުންގެ ހޮޅުއަށި މައުލޫމާތު ސެޝަންތަކަކާއި ކޮންޝަލްޓެޝަންގެ އިތުރުން ސަގާފީ މަސައްކަތް ދިރުވުމުގެ މައުރަޒު އަދި ގަސްއިންދުމުގެ ހަރަކާތެއްވެސް ރޭވިފައިވާ ކަމަށެވެ.
ޒުވާނުންގެ ހޮޅުއަށިގެ އެއްވަނަ ސެޝަން އޯގަސްޓް 13 ވަނަ ދުވަހު 10:00-12:00 އަށް އަދި ދެވަނަ ސެޝަން 13:30-15:30 އަށް އޮންނައިރު މި ސެޝަންތަކުގައި ނަފްސާނީ ދުޅަހެޔޮކަން، އިގްތިސޯދީ ފުދުންތެރިކަން، ގާނޫނީ އަހުލުވެރިކަން އަދި ގެވެށި އަނިޔާ އާއި އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތަކާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާތަކެކެވެ.
އަދި ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ސަގާފީ މަސައްކަތް ދިރުވުމުގެ މައުރަޒުގައި ބައިވެރިވެފައިވަނީ އެންމެ 3 ރަށުންނެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ކުމުންދޫ އަދި ހިރިމަރަދޫ އެވެ. މި މަސައްކަތް ދައްކާލުން އޮންނާނީ 13 ވަނަ ދުވަހު ޖަލާލުއްދީން ސްކޫލުގަ އެވެ.
ގަސްއިންދުމުގެ ޕްރޮގުރާމުގައި ކައުންސިލްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ 3 ސްކޫލްގެ އެކޯ ކުލަބުން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.
މި ޕްރޮގުރާންތަކުގައި އދ. ގެ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް ކުޅުދުއްފުއްޓަށް ވަޑައިގެން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ ކެތަރިން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ.
މިދިޔަ އަހަރުގެ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައި އެވެ. އެ ފަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެ އެވެ.