ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފި އެވެ.
ދިރާސީ އާ އަހަރު ފެށުމާއެކު ސިޓީ ކައުންސިލުން ވަނީ ކުޅުދުއްފުށީގައި ހިންގާ ސަރުކާރު ސްކޫލްތަކަށް ޒިޔާރަތްކޮށް ސްކޫލުތަކަށް ހާލަތު ބަލައި އެތަންތަނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވާފަ އެވެ.
ސްކޫލުތަކަށް ޒިޔާރާތްކޮށް ވަކިވަކިން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި މޭޔަރު މުހައްމަދު އާތިފް އާއި ބައެއް ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނާއި ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން ބައިވެރިވެޑައިގެންނެވި އެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ދިރާސީ އާ އަހަރު ފެށުމުން، ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތާއި ސްކޫލްތަކަށް މިވަގުތު އެންމެ ދަތިވެފައިވާ ކަންކަން ދެނެގަނެ އެ ކަންކަމުގެ ހައްލު ހޯދުމަށް މިނިސްޓްރީއަށް ބާރުއެޅުންކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިން ސްކޫލުގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ޖާގައިގެން ދަތިކަން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންގެންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލްްގައި އާ ކްލާސް ރޫމް ބޮލޮކެއް އެޅުމުގެ މަސައްކަތް އެވޯޑް ކުރެވިފައިވާކަންވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
ޖާގައިގެ ދަތިކަމާ ހެދި އަފީފުއްދީން ސްކޫލްގެ ކިޔެވުން 2 ދަންފަޅިއަށް ކުރިއަށްގެންދަން ޖެހުމުގެ ސަބަބުން ގޮންޖެހުންތައް ހުރިކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރު އާތިފް ވިދާޅުވީ، ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުރިހާ މާއްދާތަކެއްވެސް ކިޔަވައިދެވޭ ވަރަށް 3 ސްކޫލްގައިވެސް ޓީޗަރުން ތިބިކަން އަދި ވޭތުވެ ދިޔައަހަރު ފުރިހަމަނުވެ ހުރި ލެބޯޓްރީ އިކްއިޕްމެންސްއާއި ކެމިކަލްވެސް ސްކޫލުތަކުގައި ހަމަވެފައިވާކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު ހދ އަތޮޅު ތައުލީމީ މަރުކަޒަށް ޑެޕިއުޓީ ޕްރިންސިޕަލެއްވެސް ހަމަޖެހިފައިވާއިރު އެ ސްކޫލުގައި ދުވަސްވީ އިމާރާތްތަކެއް ހުރުމުގެ ސަބަބުން މުހިންމު ބައެއް މަރާމާތުތަކެއް ކުރަން ޖެހިފައިވާކަން މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޖަލާލުއްދީން ސްކޫލްގައި ހެލްތް ރޫމެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާކަންވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
މިއަހަރު ކުޅުދުއްފުށީ ސިޓީގެ ސްކޫލުތަކުގައި 3000 އެއްހާ ދަރިވަރުން ތައުލީމް ހާސިލުކުރާއިރު 258 ޓީޗަރުން މަސައްކަތްކުރާނެ އެވެ.