ހދ. މަކުނުދޫ ހިމެނޭހެން 6 ރަށެއްގައި އެއާޕޯޓު ހަދާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
އެ މަސައްކަތް ކުރުމަށް މިނިސްޓްރީން ކުރި ފުރަތަމަ އިއުލާނަށް އެކަށިގެންވާ ތަރުހީބެއް ނުލިބުމުން ދެވަނަ ފަހަރަށް އިއުލާނުކުރީ ވެސް ބީލަމުގައި އަގު ކުރެވޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަދަދު ތިން މިލިއަން ޑޮލަރަށް ދަށްކުރުމަށް ފަހުއެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ އިއުލާންކުރި ގަވާއިދު "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު" އަށް އައި ބަދަލަކާ ގުޅިގެންނެވެ.
އެކަމަކު، ކުރިން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލް ބާތިލު ނުވާނެއެވެ. އަދި އަލުން ޕްރޮޕޯސަލް ހުށަހަޅާކަށް ނުޖެހޭނެއެވެ.
ތިން ވަނަ ފަހަރުގެ އިއުލާނުގައިވާ ގޮތުން ވެސް ރ. އަތޮޅުގައި އެއާޕޯޓު ހަދާނެ ވަކި ރަށެއް އަދިވެސް ފައިނަލެއް ނުވެ އެވެ. މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް ހިންގަމުން އަންނައިރު އެ އަތޮޅު އަލިފުށީގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
މިނިސްޓްރީން ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއަކަށް ވާތީ، އެ ކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ހަދާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއާޕޯޓެއް ކަން ބަޔާންކުރަން ޖެހޭނެ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާއިރު ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ތިން މިލިއަން ޑޮލަރު ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން ބުނިގޮތުގައި އެއާޕޯޓު ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓް އަދި އެ ތަނެއްގެ ބިމުގެ ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި ކަނޑައިދެވޭނެ އެވެ.
އެއާޕޯޓު ހަދަން ހުށަހަޅަން ވަކި މުއްދަތެއް ނެތެވެ. އިއުލާނުގައި ބުނީ އެ އިއުލާނުގެ ދަށުން އެއާޕޯޓު ހެދުމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް އަންގާ އެންގުމަކުން ބަންދުކުރުމާ ހަމައަށް އޮންނާނެ ކަމަށެވެ.