twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ވެންޓިލޭޓަރު މައްސަލައިގައި އަމީންގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލްކޮށްފި

Aug 20, 2022

ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން އިތުރު ބައެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފައިލްކޮށްފިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. މި 11 ފަރާތެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 14 އޮކްޓޫބަރު 2020ގައެވެ. އެހެންނަމަވެސް ތަހުގީގު ފުރިހަަމަކުރުމަށް ޕީޖީން އަނެއްކާވެސް މައްސަލަ އޭސީސީއަށް ފޮނުވީއެވެ.

ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 31 އޮކްޓޫބަރު 2021ގައެވެ.

އޭރު އޭސީސީން ބުނެފައިވަނީ 14 އޮކްޓޫބަރު 2020ގައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްފައި ނުވާނެކަމަށެވެ.

އޭސީސީން ވަނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތަކުގެ އިތުރު ދައުވާތަކެއް ކޮށްދިނުމަށް އެދިފައެވެ. އެގޮތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް ވަނީ އެދިފައެވެ. ނަމަވެސް ޕީޖީން ވަނީ މި މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

އެ މައްސަލައަކީ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޖިނާއީ ކުށެއްގެ އުޒުސުރުތައް ހަމަވާ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލައިގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ކުރެވެން ނެތް ކަމަށެވެ.

އޭގެ ފަހުން ޖުމްލަ ތިން ފަހަރެއްގެ މަތިން، އެ މައްސަލަތައް އިތުރަށް ފުރިހަމަކޮށް އޭސީސީން ޕީޖީއަށް ފޮނުވިއެވެ. ތިން ފަހަރު ވެސް ޕީޖީން އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގައެވެ.

އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރު ކޮށްދީފައެއް ނުވެއެވެ.

އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓްގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355