twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ސްކޫލްތަކުން ތާރީހީ ނަތީޖާއެއް، ގަދަ ދިހައެއްގައި 33 ދަރިވަރުން

އަބްދުލް ވާހިދު ޙަސަން
Aug 20, 2022
2

ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް ގައުމީ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ހިމެނިއްޖެ އެވެ. މިއީ ކުޅުދުއްފުށީގެ ތާރީހުގައިވެސް މިހާ ގިނަ އަދަދެއްގެ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު އަހަރެވެ.

މިދިޔަ ދިރާސީ އަހަރު ކުޅުދުއްފުށީގެ ތިން ސްކޫލުންވެސް ވަނީ އޯލެވެލްގައި ބައިވެރިވެފަ އެވެ. އެގޮތުން ތިން ސްކޫލުން ޖުމްލަ 33 ދަރިވަރަކު ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. މިއީ ފަހުރުވެރި ނަތީޖާ އެވެ.

އަފީފުއްދީން ސްކޫލުން 16 ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނުނުއިރު ޖަލާލުއްދީން ސްކޫލުން 13 ދަރިވަރަކު އަދި މުޅިން އަލަށް އޯލެވެލް ހެދި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 4 ދަރިވަރަކު ގައުމީ ގަދަ ދިހައަކުން ޖާގަ ހޯދި އެވެ.

ގައުމީ ގަދަ ދިހައެއްގެ އެންމެ ގިނަ ދަރިވަރުން ހިމެނުން އަފީފުއްދީން ސްކޫލުގެ ނަތީޖާތަކަށް ބަލާލާއިރު ގަދަ ދިހައެއްގެ ދެވަނައިގައި އެއް ދަރިވަރަކު، ތިންވަނައިގައި ތިން ދަރިވަރަކު، ހަތަރު ވަނައިގައި ތިން ދަރިވަރަކު، ފަސްވަނައިގައި 1 ދަރިވަރަކު އަދި 7 ވަނައިގައި ތިން ދަރިވަރަކު ހިމެނުނުއިރު ނުވަ ވަނައިގައިވެސް ތިން ދަރިވަރަކު ހިމެނުނެވެ. މީގެ އިތުރުން ދިހަ ވަނައިގައި ދެ ދަރިވަރުން ހިމެނުނެވެ.

ބިޒްނަސް، އެކޮނޮމިކްސް، ފިޒިކްސް އަދި އެކައުންޓުން ސަތޭކަ އިންސަތަ ދަރިވަރުން ފާސްވިއިރު ކެމިސްޓްރީ ކޮމްޕިއުޓަރ، އެކޮނޮމިކްސް، ހިސާބާއި އިނގިރޭސި އަދި އިސްލާމުން ވަނީ ކުރިއެރުން ހޯދާފަ އެވެ. އެ ސްކޫލުގެ ތިން މާއްދާ ސަތޭކަ އިންސަތަ ދަރިވަރުން ފާސްވިއިރު ފަސް މާއްދާއިން 82.82 އިންސަތަ ދަރިވަރުން ފާސްވި އެވެ.

އޯލެވެލް ނަތީޖާގައި 75 އޭ ސްޓަރ ހޯދިއިރު 85 އޭ، އަފީފުއްދީން ދަރިވަރުން ހޯދި އެވެ. މިއީ އެ ސްކޫލުގެ ތާރީހުގައި މިހާ ބޮޑު ކާމިޔާބީއެއް ހޯދި އަހަރެވެ. އެ ސްކޫލުގެ 12 ދަރިވަރަކު ބީޓެކް ހެދި އެވެ.

ޖަލާލުއްދީން ސްކޫލް:

ޖަލާލުއްދީން ސްކޫލުގެ 13 ދަރިވަރަކު މިއަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނެ އެވެ. ވަކިވަކި ނަތީޖާތަކަށް ބަލާއިރު ދެވަނައިގައި ދެ ދަރިވަރުން، ތިންވަނައިގައި ދެ ދަރިވަރުން، ފަސްވަނައިގައި ދަރިވަރަކު، ހަ ވަނައިގައި ދެ ދަރިވަރުން، 7 ވަނައިގައި ދަރިވަރަކު، 8 ވަނައިގައި ދަރިވަރަކު ހިމެނުނެވެ. އަދި ނުވަ ވަނައިގައި ދެ ދަރިވަރުން ހިމެނުނުއިރު ދިހަ ވަނައިގައިވެސް ދެ ދަރިވަރުން ހިމެނިފައިވެ އެވެ.

ޖަލާލުއްދީން ސްކޫލުން ފަސް މާއްދާއިން 73.4 އިންސަތަ ދަރިވަރުން ފާސްވި އެވެ. މިއީ އެ ސްކޫލުގެ ފާއިތުވި ދިހަ އަހަރަށް ބަލާއިރު ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު އެންމެ މަތި އަހަރެވެ. އަދި ތިން މާއްދާއިން 83.7 އިންސަތަ ދަރިވަރުން ފާސްވި އެވެ.

މެރިން ސައިންސާއި އިސްލާމް މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާތަކުންވެސް ތަފާތު ބޮޑު ކުރިއެރުމެއް އެ ސްކޫލުގެ ދަރިވަރުންވެސް ހޯދި އެވެ. އޯލެވެލްގައި އެ ސްކޫލުގެ ދަރިވަރުން 61 އޭ ސްޓަރ އާއި 74 އޭ ހޯދި އެވެ. ޖަލާލުއްދީން އެ ސްކޫލުގައި މިދިޔަ އަހަރު ބީޓެކް ކިޔަވާފައެއް ނުވެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒު:

24 އަހަރަށްފަހު އޯލެވެލް ހެދި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 30 ދަރިވަރުންވެސް ސްކޫލަށް ރަންވަނަތަކެއް ހޯދައިދިނެވެ. އޭގެ ތެރެއިން 4 ދަރިވަރަކު ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފަ އެވެ.

ގައުމީ ގަދަ ދިހައެއްގައި ހަތަރު ވަނައިގައި ދަރިވަރަކު ހިމެނުނުއިރު ފަސްވަނަ، އާއި ނުވަ ވަނަ އަދި ދިހަވަނައިގައިވެސް ދަރިވަރުން ހިމެނުނެވެ.

20 އޭ ސްޓަރ އާއި 33 އޭ ހޯދިއިރު ހަތަރު މާއްދާއަކުން 100 އިންސަތަ ދަރިވަރުން ފާސްވި އެވެ. އެއީ ފިޒިކްސް އާއި ކެމިސްޓްރީ، އެކައުންޓްސް އަދި ކޮމްޕިއުޓަރެވެ. އެކޮނޮމިކްސް އިން 82 އިންސަތަ ދަރިވަރުން ފާސްވިއިރު ބަޔޮލޮޖީ 89 އިންސަތަ ދަރިވަރުން ފާސްވި އެވެ.

މީގެ އިތުރުން ބިޒްނަސް އާއި އިސްލާމާއި ދިވެހި އަދި އިނގިރޭސިން 78 އިންސަތަ ދަރިވަރުން ފާސްވި އެވެ. ހިސާބުން 72 އިންސަތަ ދަރިވަރުން ފާސްވިއިރު މެރިން ސައިންސުން ފާސްވީ 50 އިންސަތަ ދަރިވަރުންނެވެ. މިދިޔަ އަހަރު އެ ސްކޫލުގައި ބީޓެކް ކިޔަވައިދީފައެއްނުވެ އެވެ.

67 އިންސަތަ ދަރިވަރުން ފަސް މާއްދާއިން ފާސްވިއިރު ތިން މާއްދާއިން ފާސްވެފައިވަނީ 82 އިންސަތަ ދަރިވަރުންނެވެ.

މިއީ ފަހުގެ ތާރީހެއްގައި ކުޅުދުއްފުށީ ސްކޫލުތަކުން ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355