twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެއާޕޯޓް ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކުރިތާ 6 މަސްވީއިރުވެސް އަމަލީ މަސައްކަތް ނުފެށޭ!

ނަބީލާ އިސްމާޢީލް
Aug 24, 2022
3

މާލެ ފިޔަވާ އެއްފަސްގަނޑެއްގައި މީހުން ދިރިއުޅޭ އެންމެ ބޮޑު ސިޓީ ކަމަށްވާ، ކުޅުދުއްފުށީ ސިޓީއަކީ ސަރުކާރުގެ އިހުމާލު ބަލާލި ކޮންމެ ދިމާލަކުން ފެންނަން އޮތް އެއް ތަނޭ ބުނުމުން ދޮގަކަށްނުވާނެކަން ޔަގީނެވެ. އެގޮތުން ކުޅުދުއްފުށީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ރަށުގެ ތަރައްގީއަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގެ ދޯދިޔާކަމާއި ޕްރޮޖެކްޓްތައް ކުރިއަށް ނުކަނޑާވާހަކަ އެވެ.

އެގޮތުން "ފިނިހަކަ" ދުވެލީގައި ހިނގައި ޕްރޮޖެކްޓްތަކަކީ އެއާޕޯޓާ ގުޅިފައިހުރި އެކި މަޝްރޫއުތަކެވެ. އެހެންވުމުން މިފަހަރު ބަލާލާނީ އެއާޕޯޓްގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔާތްނުކުރެވި މިއުޅޭ ސަބަބު ހިމަނާލެވޭތޯ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މި އަހަރު ފެބްރުއަރީމަހު 8 ވަނަ ދުވަހުއެވެ. އެއާޕޯޓްގެ ގޮނޑުދޮށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 42.37 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން ހަވާލުކުރީ 882 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހާށެވެ.

ނަމަވެސް އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރިތާ 6 މަސް ވެގެންދިޔައިރު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަދި ފަށާފަ އެއްނުވެ އެވެ. އެތަންވެސް އޮތީ އެއޮތް ގޮތަށެވެ. ހުޅަނގު މޫސުމުގެ ގަދައާއެކު އެތަން އިތުރު ގިރާލައިފި އެވެ. އެއާޕޯޓްގެ ހުޅަނގު ފަރާތުން ރާޅު ނާރަ ހުރީ ހަމަ ކިޔިރާ އެެވެ. ރަންވޭގައި ލައިޓް ނުޖެހި ލަސްވި އެއް ސަބަބަކީ އެއީ އެވެ.

ލައިޓް ޖަހާތަނުން ރާޅު އަރާ ގިރާލައިފިނަމަ އަނެއްކާވެސް ދައުލަތަށް ގެއްލުންވާނެތީ އެވެ. އެކަމަކުވެސް ކުޅުދުއްފުށީގައި އެމްޓީސީސީ ގާއިމުވެ ތިބެ ހަ މަސްވެގެންދިޔައިރުވެސް އަމަލީ މަސައްކަތް ނުފެށުމަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެވެ. އެކަމާހެދި "ރައްޔިތުންގެ ކުންފުނި" އެމްޓީސީސީ ދެކެ މިރަށު ރައްޔިތުން ތިބީ ފޫހިވެ ހިތްހަމަނުޖެހިފަ އެވެ.

ކުރިން ޖެހި ހިލަތޮށި ގިރާލީ

އެއާޕޯޓްގެ ހިމާޔަތަށް ޖެހި ހިލަތޮށި ގިރާލީ 2018 ވަނަ އަހަރު މެއިމަހުގެ ތެރޭގައި އެވެ. މޫސުމް ގޯސްވެގެން ހިނގި އެ ހާދިސާއަށްފަހު އެމްޓީސީސީ އޭރު ބުނެފައިވަނީ މޫސުމް ރަނގަޅުވުމުން އެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ. އެހެންނަމަވެސް އޭރުވެސް އެ މަސައްކަތްކޮށްފައެއް ނުވެ އެވެ. އެހެން ބުނެ ރައްޔިތުންނަށް އޮޅުވާލީ އެވެ.

އޭރު އެ މަސައްކަތްކުރިއިރު އެމްޓީސީސީން ޖަހާފައިވަނީ އީއައިއޭ ރިޕޯޓްގައި ޖަހަން ލަފާދީފައިވާ ވަރަށްވުރެ ސައިޒްގެ ގޮތުން ކުދި ހިލަތަކެކެވެ. އެ މައްސަލަ އޭރުގެ ކައުންސިލުންވެސް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅި ނަމަވެސް ބަދަލެއް ނުކުރި އެވެ.

އެމްޓީސީސީން މިހާރު ބުނަނީ ކީކޭ؟

މިހާރު ހަވާލުކޮށްފައިވާ ޕްރޮޖެކްޓްގެ އީއައިއޭ ރިފޯޓްވެސް އެމްޓީސީސީން ހަދާއިރު ކޭއޯއިން އެމްޓީސީސީއާ ސުވާލުކުރުމުން ބުނީ މި ޕްރޮޖެކްޓް އަމަލީ މަސައްކަތް ނުފެށި ލަސްވަނީ އީއައިއޭ އެޕްރޫވަލް ލަސްވުމުގެ ސަބަބުން ކަމަށެވެ.

އެމްޓީސީސީގެ މީޑިއާ އޮފިސަރަކު ވިދާޅުވީ އީއައިއޭ އެޕްރޫވަލްއަށް އީޕީއޭއަށް ހުށަހެޅިފައިވަނީ މިދިޔަ ޖުލައިމަހު 25 ވަނަ ދުވަހު ކަމަށާއި އިތުރު މައުލޫމާތު ހުށަހެޅުމަށް އީޕީއޭ އިން މި މަހު 07 ވަނަ ދުވަހު އަންގަވާފައިވާކަމަށެވެ. އަދި އީއައިއޭ އެޕްރޫވަލް ލިބޭނެ ކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ސަބަބުން އިތުރު ލަސްތަކެއް ވީކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުންވެސް ނުހުއްޓި ބައެއް ރަށްރަށުގައި ޕްރޮޖެކްޓްތައް ކުރިއަށްދާކަމީ ރައްޔިތުން ދަންނަ ހަގީގަތެކެވެ. ލަސްވެގެން ބޯމަތިންދާ ކޮންމެ ޕްރޮޖެކްޓެއް ކޮވިޑުގެ ބޮލުގައި އެޅުވުމަކީ ސަރުކާރުގެ ހޮބީއަކަށް ވެއްޖެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355