ސްކޫލްތަކަށް ބޭނުންވާ ތަކެތި ފޯރު ކޮށްދިނުމަށް 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 17.5 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ މި ސަރުކާރާ ހަވާލުވީއިރު ވަރަށް ގިނަ ސްކޫލުގެ ކޮމްޕިއުޓަރުތައް ބާވެ ހަލާކުވެފައިވާ ކަމަށާއި އެހެންވުމުން އެކަން ހައްލުކުރުމަށް ކޮމްޕިއުޓަރުތައް އާ ކުރަން ޕްރޮގްރާމެއް ހިންގައި، އެ މަޝްރޫއުގެ ދަށުން ކޮމްޕިއުޓަރު ގަނެ، ސްކޫލްތަކަށް އެ ތަކެތި ހަވާލު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މިހާރު 862 ކޮމްޕިއުޓަރާ 420 ލެޕްޓޮޕް ސްކޫލްތަކާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް 2019 އިން ފެށިފެން މިހާތަނަށް 17.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ ލ. ހިތަދޫއަށް ވެސް ތިން ކޮމްޕިއުޓަރާ ދެ ލެޕްޓޮޕް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ލެޕްޓޮޕްތައް ހަވާލުކުރީ ފާއިތުވި 2021 ވަަނަ އަހަރު ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭސީގެ މައްސަލަތަކާއި ކޮމްޕިއުޓަރުތައް މިނިސްޓްރީން ފޯރު ކޮށްދެނީ ސްކޫލުން އެކަމަށް އެދުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެ އެއްޗެހި ފޯރު ކޮށްދެނީ ސްކޫލުން އެކަމަށް ރިކުއެސްޓެއް އައީމަ. އަޅުގަނޑަށް ސުވާލު ލިބުމުން އަޅުގަނޑު ސްކޫލަށް ގުޅިން ކީއްވެތޯ އެހާ ދުވަހު އޭސީ ހަލާކުވެފަ ހުރިއިރު އަޅުގަނޑުމެންނާ އެކަން ހިއްސާ ނުކޮށް ވަނީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ ވާހަކަދެއްކުމުން ނިމުނު އޭޕްރީލް މަހު އެ ސްކޫލުން އޭސީއަށް އެދިފައިވާ ކަމަށެވެ. އަދި ހަމަ އެ މަހު ރިކުއެސްޓް އެޕްރޫވް ކުރުމަށްފަހު އޭސީ ގަތުމުގެ ހުއްދަ ސްކޫލަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކަށް ބޭނުންވާ ކޮމްޕިއުޓަރާ ލެޕްޓޮޕްތައް ފޯރު ކޮށްދިނުމުގެ ޕްރޮގްރާމް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށް ދާ ކަމަށެވެ.