ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަނެއްކާވެސް އާސަންދަ ޑެސްކެއް ގާއިމްކޮށްފި އެވެ. އެންމެ ފުރަތަމަ އާސަންދަ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވީ 2017 ވަނަ އަހަރު ނޮދަރ ރީޖަން އޮފީހުގެ ނަމުގައި އެވެ
އެހެންނަމަވެސް ސަރުކާރު ބަދަލުވުމުން އެ އޮފީސް އުވާލީ 2019 ވަނަ އަހަރު މޭމަހުގެ ތެރޭގަ އެވެ. އެތަން ހުޅުވިއިރު ދެ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައިރު ފަހުން އެތަނުގައި މަސައްކަތްކުރަމުންދިޔައީ އެންމެ މުވައްޒަފެކެވެ. އޭރޫ އާސަންދަ އޮފީސް އުވާލުމަށްފަހު އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފަށް ވަނީ ވަޒީފާގައި ދެމިހުންނަށް ބޭނުންނަމަ މާލެ ބަދަލުވާ އަންގާފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އާސަންދަ ހިދުމަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން ލިބުމަށް ރައްޔިތުން އެދޭ ހިދުމަތެއް ކަމަށެވެ. އެކަން ހާސިލްކޮށްދިނުމުގެ ގޮތުން ކުޅުދުއްފުއްޓާއި އައްޑޫގައި އާސަންދަ ޑެސްކެއް މިހާރު ގާއިމުކޮށްފައި ހުންނާނެ ކަމަށެވެ.
މި ހޮސްޕިޓަލްތަކުގައި ގާއިމުކުރި ޑެސްކް މެދުވެރިކޮށް އާސަންދަ ހިދުމަތް ލިބެން ފެށުމުން ހިދުމަތް އަވަސްވާނެ ކަމުގެ ޔަގީންކަންވެސް މިއުވާން ދެއްވެވި އެވެ.
މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށް ރަށުގައި ހުންނަ ޑެސްކެއް މެދުވެރިިކޮށް އާސަންދަ ހިދުމަތް ވީހާވެސް އަވަހަށް ލިބޭނެ ގޮތް ހަދައިދެމުން ދިއުމަކީ ރައްޔިތުން އެދެމުން ދިޔަ ކަމެއް ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިން ހުރި މި އާސަންދަ މިއޮފީހުން އާންމުކޮށް ކުރަމުންދިޔަ މަސައްކަތްތަކަކީ އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވާ ބަލިމީހުންގެ މައުލޫމާތު ނަގައި އާސަންދައިގެ މައި އޮފީހަށް ފޮނުވުމެވެ. އަދި ސީދާ ހަނިމާދޫ މަގުން އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވާ ބަލިމީހުންނަށް އާސަންދަ ހަމަޖައްސައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.