twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އިސް ސަފުގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމަކީ އަމާޒެއް: ރައީސް

ނަބީލާ އިސްމާޢީލް
Sep 11, 2022

އަމާޒަކީ ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރު ކުރެއްވުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ 3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން، އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ މައިދާނުގައި ވަކިން ހާއްސަކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ވަޒީރުންގެ މަޖިލީހުގައި މިހާރު އަންހެނުންގެ ނިސްބަތަކީ 33 އިންސައްތަ ކަމަށެވެ.

އަދި އަމާޒަކީ ވެސް އުންމީދަކީވެސް ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސަފީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އިންތިހާބީ މަގާމުތަކުގެ ތެރެއިން ކައުންސިލްތަކުގެ، 33 އިންސައްތަ ގޮނޑި އަންހެނުންނަށް ކަނޑައަޅާފައި ވާއިރު، މިހާރު ކައުންސިލްތަކުގެ، 39.8 އިންސައްތައަކީ އަންހެން ކައުންސިލަރުންކަން ރައީސް ފާހަގަކުރެއްވި އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ފުރަތަމަ ސެޝަން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ، މިންތީގެ ހަމަހަމަކަމުގެ މައުލޫގެ މައްޗަށެވެ.

ރައީސް ސޯލިހު ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއިއެކު، ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދުދީދީ އާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު، ޖީހާން މަހުމޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިސެޝަންގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މަޢުލޫމާތު ހިއްސާ ކުރައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

މީގެ އިތުރުން ވިއަވަތި ރާއްޖެ ކޮންފަރެންސް، ފެށުމުގެ ކުރިން ބޭއްވި "ފަނޯއްލަ" ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ވަނީ ފުރުސަތު ދެއްވާފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ކުރިޔަށް ދެން އޮންނާނީ މި ކޮންފަރެންސްގެ ދެވަނަ ސެޝަނެވެ. އެ ސެޝަން އަމާޒުކޮށްފައި ވަނީ "ބިނާވެށި ޕްލޭން" އެކުލަވާލުމާ ގުޅޭގޮތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355