twitterviber whatsapp telegramfacebookyoutube instagram
26th April 2024

އާސަންދައިގެ 'ވިލުން' ޕްރޮގްރާމްގެ ދަށުން ހޮސްޕިޓަލްތަކަށް ޓީވީ ހަދިޔާކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Sep 14, 2022

އާސަންދައިގެ ފަރާތުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް 'ވިލުން' ގެ ދަށުން ހޮސްޕިޓަލްތަކަށް ޓީވީ ހަދިޔާކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދަން، ހޮސްޕިޓަލް/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ހާއްސަކޮށްގެން، ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހު އާސަންދަ ކުންފުނިން ފެއްޓި، 'ވިލުން' ޕްރޮގްރާމްގެ ދަށުން، ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގެ، އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ހެނދުނު އެ ކުންފުނީގެ ހެޑްއޮފީހުގައެވެ.

މި އެމްއޯޔޫތަކުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއެ ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، މަރިޔަމް ޝަފީޤެވެ. އަދި ހޮސްޕިޓާތަކުގެ ފަރާތުން ސޮއެކުރެއްވީ ހޮސްޕިޓާތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ.

މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤާއި އެގްޒެކެޓިވް މެނޭޖްމަންޓް މެމްބަރުންނާއި ސީނިއަރ މެނޭޖްމެންޓް މެމްބަރުންގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއޯއޯ އާދަމް މާހިރު، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް އާއި ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއު އަދި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ، މުހައްމަދު ލިރާރް ބައިވެރިވެވަޑައިގެންނެވިއެވެ.

ޓީވީ ހަދިޔާ ކުރުމުގެ ފުރަތަމަ ބުރުގައި ޓީވީ ހަދިޔާކުރަން ނިންމާފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލަށެވެ.

މި ޓީވީއަކީ ކޮންމެ ހޮސްޕިޓަލެއްގެވެސް އޯޕީޑީ ވެއިޓިން އޭރިއާގައި އާސަންދަ ސްކީމާއި އަދި އާއްމު ސިއްހަތާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓު އެޅުވުމަށް ހަދިޔާކުރާ ޓީވީއެވެ.

އަދި ހޮސްޕިޓަލުގެ މަސައްކަތްތަކާއި ހިދުމަތްތަކާ ގުޅޭގޮތުން ހިއްސާކުރަން ހޮސްޕިޓަލްތަކުން ބޭނުންވާ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް މި ޓީވީތައް ބޭނުންކުރެވޭނެއެވެ.

މި ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން އާސަންދަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހީމް ރަޝީދު ދެއްކެވި ވާހަކާގައި އާސަންދައިގެ އުސޫލުތަކާ ހިދުމަތްތައް ދިނުން ރޭވިފައިވާ ގޮތްތަކާއި އަދި ސްކީމާ ގުޅުން ހުރި އާއްމު މައުލޫމާތު ރައްޔިތުންނަށް އަންގާ ހޭލުންތެރިކުރުމުން، ހިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ތީވީތައް މެދުވެރިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ މުހިއްމުކަން ވިސްނައިދީ ޕަބްލިކް ހެލްތުގެ ދާއިރާއިން އާއްމުން ހޭލުންތެރިކުރުމަށްވެސް މަސައްކަތްކުރެވިގެންދާނެކަން ރަޝީދު ފާހަގަކުރެއްވިއެވެ. އަދި ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަކީ އާސަންދަ ސްކީމަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރެވި، އެހެނިހެން ތަރައްޤީގެ މަޝްރޫއުތަކަށް ހޭދަކުރާނެ ފައިސާ އިތުރުވެގެންދާނެ ކަމެއްކަންވެސް ރަޝީދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް ދެއްކެވި ވާހަކާގައި މި ޕްރޮގްރާމް ފެށިގެންދިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް ސްކީމްގެ ދަށުން އާއްމުން ނުހޯދާ ހިދުމަތްތަކަށްވެސް، ހިދުމަތްދޭ ބައެއް ތަންތަނުން ބިލް ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މަރިޔަމް ވިދާޅުވިއެވެ.

އެގޮތުން، ފާއިތުވީ އަހަރު އާސަންދައިން ތައާރަފްކުރި އާސަންދަ މޮބައިލް އެޕްލިކޭޝަނާއި އެސްއެމްއެސް ނޮޓިފިކޭޝަން ހިދުމަތުގެ ބޭނުމަކީވެސް މި ފަދަ ނޭދެވޭ ކަންކަން ހުއްޓުވާ ސްކީމްގެ ތެރެއިން ކުރެވޭ ހަރަދުތައް އާއްމުންނަށް ފަސޭހައިން ބެލޭނެ ގޮތް ހެދުންކަމުގައި މަރިޔަމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އާސަންދަ ކުންފުނީގެ އިސްނެގުމުގެ މަތިން ފެއްޓި މި ޕްރޮގްރާމަށް އެއްބާރުލުން ދެއްވާ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އަތޮޅުތެރެއިން ވަޑައިގެންނެވި ހޮސްޕިޓަލުތަކުގެ އިސްވެރިންނަށް މަރިޔަމް ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ރަސްމިއްޔާތަށްފަހު، އާސަންދަ ސްކީމާ ގުޅުންހުރި ހިދުމަތްތައް ދިނުމުގައި ހޮސްޕިޓަލުތަކަށް ދިމާވާ ދަތިތަކާއި، އަދި ހިދުމަތް ލިބިދިނުމުގައި ރައްޔިތުންނަށް މިހާރަށްވުރެ ކަންކަން ފަސޭހަކޮށްދެވޭނެ ގޮތްތަކާމެދު، އާސަންދަ ކުންފުނީގެ މެނޭޖްމަންޓާއި ހޮސްޕިޓަލުތަކުގެ އިސްވެރިންނާ ދެމެދު ވަނީ މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355