twitterviber whatsapp telegramfacebookyoutube instagram
8th September 2024

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Sep 26, 2022
2

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާ އިންޑިއާގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ރޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މީރުމާ ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކޭއެސް ރެޑީ އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ އަތޮޅު ތެރޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއި، ބޮޑުތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ހދ. އަތޮޅު ކައުންސިލް ބައެއް މެންބަރުންގެ އިތުރުން ހަނިމާދޫ ކައުންސިލްގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ އަގަކަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ޖޭއެމްސީއާ ހަވާލުކުރުމަށް ނިންމާ ދިވެހި ސަރުކާރުން އެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ. އިންޑިއާގައި ޖޭއެމްސީ އަކީ އިމާރާތްކުރުމާއި ހަކަތައިގެ ދާއިރާގައި ބިޔަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިއަހަރު ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު 2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ އެވެ.

މި ރަސްމިއްޔާތުގައި ވަނީ ހަނިމާދޫ އިންޓަނޭޝޭނަލް އެއާޕޯޓަށް ގެންނަ ބަދަލުތަކާއި މި މަޝްރޫއު ނިމުމުން ހުންނާނެ ގޮތް ވީޑިއޯ ޕްރެޒެންޓޭޝަނަކުން ވަނީ ދައްކާލާފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެކެވެ. އަމީރުވެސް ވިދާޅުވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ މާލެއިން ބޭރުގައި ރާއްޖޭގެ ތާރީހުގައިވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކަށް ސީދާ ދަތުރުތައް ހަނިމާދޫއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355