twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރައީސް ތިލަދުންމަތީގެ ހަތަރު ރަށަކަށް ފުރާވަޑައިގެންފި

ނަބީލާ އިސްމާޢީލް
Sep 26, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހދ.އަތޮޅުގެ ދެ ރަށަކަށާއި، ހއ.އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ.ނައިވާދޫ އަށެވެ. އެއަށްފަހު، ހދ.ފިނޭއަށާއި، ހއ.އުތީމަށް އަދި ހއ.ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަހްމަދު އުތީމަށް ވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ސޯލިހް މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ނިންމައި ހިދުމަތްތައް ރަސްމީގޮތުން އިފްތިތާހްކޮށްދެއްވާނެއެވެ. މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެއެވެ.

އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޒޯން 1 ގެ ޚިދުމަތް ފަށައި އެނިޒާމް އެސަރަޙައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މާލެ ވަޑައިގަންނަވާނީ، ބުދަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355