މިހާރު ކުރިއަށްދާ ކުލަބް ކޮރަލްސް ފާރޮށި އިންޓަރ އޮފީސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މާދަމާ އޮތްއިރު ކޮރަލްސްއިން މިއަދު އަންހެނުންނަށް އަމާޒުކޮށްގެން އަންހެނުންގެ ހާއްސަ 11 އެސައިޑް ފުޓްބޯޅަ މެޗެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
މިއަދު ހަވީރު 4 ޖަހާއިރު ކޮރަލް ދަނޑުގައި ކުޅެވޭ މިމެޗުގައި ބައްދަލުކުރާނީ މުއައްސަސާގެ ތެރެއިން ހޮވާލެވިފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ސީކޭއާރުއެޗު)ގެ ޓީމަކާ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އެވެ.
ކުލަބް ކޮރަލްސްގެ ނައިބު ރައީސް ކޭއޯއަށް މައުލޫމާތުދެއްވި ގޮތުގައި މިމެޗަކީ އިންޓަރ އޮފީސް ފުޓްބޯޅަ މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން އަންހެނުންގެ މެދުގައި ބޮޑު ފުޓްބޯޅައަށް ލޯބި ޖައްސާ 11 އެސައިޑް ފުޓްބޯޅައަކީ ކޯޗެއްކަން އަންގާދިނުމަށް ކުރިއަށް ގެންދާ މެޗެއް ކަމަށެވެ.
މިމެޗުގައި ކުޅެވޭނީ 25 މިނެޓުގެ ދެ ހާފެވެ. ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ތެރެއިން އަންހެނުންގެ ހާއްސަ މެޗެއް ބޭއްވުމަށް ހަމަޖެހިފަ އެވެ.
މާދަމާ އިންޓަރ އޮފީސް މުބާރާތުގެ ފައިނަލް ވެސް ކުޅެވޭނެ އެވެ. ފައިނަލްގައި ބައްދަލުކުރާނީ ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ސީކޭއާރުއެޗު) އެވެ.