މަކިޓާ ޖޫނިއަރ އެތްލެޓިކުސް ޗެންޕިއަންޝިޕްގައި ކުޅުދުއްފުށިން ބައިވެރިވާ އެތުލީޓުންގެ ދަތުރުގެ ބައެއް ހަރަދުތައް ސިޓީ ކައުންސިލުން ދިނުމަށް ނިންމައިފި އެވެ.
މަކިޓާ ޖޫނިއަރ އެތްލެޓިކުސް ޗެންޕިއަންޝިޕްގައި ކުޅުދުއްފުށިން ބައިވެރިވާ އެތްލީޓުންނަށާއި ކޯޗަށް މާލެ ދެކޮޅު ޓިކެޓް ހަރަދު ދިނުމަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 71 ވަނަ އާންމު ބައްދަލުވުމުގެ ޖަލްސާގަ އެވެ.
އެގޮތުން މި ޖަލްސާގައި މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ކުޅުދުއްފުށިން ބައިވެރިވާ ބައިވެރިންގެ ހަރަދުތައް ހަމަޖެއްސުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެޖެންޑާގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ކައުންސިލަރު އާތިފާ އަލީ ވިދާޅުވީ ކުއްލިއަކަށް އެ ވަރުބޮޑު ހަރަދެއް ބެލެނިވެރިނަށް އުފުލަން ޖެހުމުން ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެހެންކަމުން ހޯސްޓްކުރަން އެކުލަވާލި ބަޖެޓުން މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ކުޅުދުއްފުށިން ބައިވެރިވާ ބައިވެރިންގެ ކުޅުދުއްފުށީ މާލެ އަދި މާލެ ކުޅުދުއްފުށީ ދެ ކޮޅު ޓިކެޓް ކައުންސިލުން ހަމަޖެއްސުމަށް އެދޭ ކަމުގަ އެވެ.
އާތިފާ ވިދާޅުވީ މި ފަދަ މުބާރާތްތަކުގައި ކުދިން ބައިވެރިވުމަކީ ކުދިންގެ ހުނަރު ކުރިއަރުވާ ފެންވަރު ކުރިއެރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ދަރިވަރުންނަށް ކުރިއަށް ދެވެން އޮތީ މިފަދަ މުބާރާތްތަކުގައި ބައިވެރިވެގެންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ކައުންސިލުން ވެވެން އޮތް އެހީއެއް ވުމަކީ ކުރަން ޖެހޭ ކަމެއް ކަމުގަ ވިދާޅުވި އެވެ.
އާތިފާގެ މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށީގައި ބޭއްވުމަށް ވަރަށް ފުރިހަމަ ޕްރޮޕޯސަލެއް ތައްޔާރުކުރުމަށްފަހު އެސޯޝިއޭޝަންއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް މިފަހަރު ކަންދިމާކުރި ގޮތުން ހޯސްޓްކުރާ ރަށެއްގެ ގޮތުގައި އެސޯޝިއޭޝަނުން ކަނޑައެޅީ ގދ. ތިނަދޫ ކަމަށެވެ.
"އެހެން ކަމުން ކުޅުދުއްފުށިން ދަތުރުކުރާ އެތްލީޓުންގެ އަތުން ފުދޭވަރަކަށް ބޮޑު ހަރަދުތަކެއް ހިނގާނެ ކަމައް އެއީ ހަމަ އެކަނި ދަތުރަށް ބެލިކަމުގައި ވީނަމަވެސް" މޭޔަރު ވިދާޅުވި އެވެ.