twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022: 6 ޓީމާއެކު މިއަދު ފަށަނީ

މުޙައްމަދު އަހުމަދު
Oct 16, 2022
1

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ގުޅިގެން ބާއްވާ ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022 ޖުމްލަ 6 ޓީމާއެކު މިއަދު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑަބްލިއުޑީސީއާއި ސްކައި ގުޅިގެން އިންތިޒާމު ކުރާ މިމުބާރާތުގައި 6 ޓީމަކުން ވާދަކުރާނެ އެވެ. މިމުބާރާތަކީ ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއަރުވާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމަށާއި ކުޅިވަރުގެ ރޫހާއެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ.

އަދި ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުމާއި ކުޅުދުއްފުށީގެ އަންހެން ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއްކަމަށް ޑަބްލިއުޑީސީން ވިދާޅުވެ އެވެ.

މިމުބާރާތް ކުރިއަށްދާނީ ފީފާއިން އެންމެ ފަހުން ނެރެފައިވާ ފުޓްސަލް ޤަވާއިދާ އެއްގޮތަށެވެ. ނޮކްއައުޓް މެޗެއްނަމަ އިތުރު ވަގުތު ކުޅުމާއި ނުލައި ޕެނަލްޓީ ޖަހާ ނަތީޖާ ނެރެވޭނެ އެވެ.

މިމުބާރާތް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ ޔުނީކް ފްރެންޑްސްއާއި ބީއެސްއޭގެ އިތުރުން ފްލެމިންގޯ އެވެ. ގްރޫޕް 2 ގައި ހިމެނެނީ ކުލަބް ކޭއާރުއެޗާއި ޓައިޓަންސް އަދި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އެވެ.

މިމުބާރާތުގައި ގިނަ ވަނަތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއި ކީޕަރެއް ހިމަނައިގެން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން އަދި ކަނބަލުންގެ ފުޓްސަލް ކުއީންއާއި ކޮންމެ މެޗެއްގެ ކްއީން އޮފް ދަ މެޗުގެ އިތުރުން ފެއަރޕްލޭ ޓީމް، ރަނަރއަޕް ޓީމް އަދި ޗެމްޕިއަން ޓީމެވެ.

މިއަދު މުބާރާތް ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނީކް ފްރެންޑްސްއާއި ބީއެސްއޭ އެވެ. މިމެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ. ދެވަނަ މެޗުގައި ކުލަބް ކޭއާރުއެޗުން ނުކުންނާނީ ޓައިޓަންސްއާ ދެކޮޅަށެވެ. މިމެޗު ފަށާނީ 5 ޖަހާއިރު އެވެ. މެޗުތައް ކުރިއަށް ދާނީ ކުޅުދުއްފުށީ ސްޓޭޑިއަމް ސިޑިބަރި ކުރިމަތީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355