އިއްޔެ ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ފިރިހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗު ކާމިޔާބުކޮށް ނިބާލް އަހުމަދާއި މުހައްމަދު އާކިފް ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ފިރިހެން ސިންގަލްސް ބައިގެ ފުރަތަަމަ ބުރުގައި ނިބާލް ވަނީ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ނިކޮލަސް ބޮންކޯސްކީ ބަލިކޮށްފަ އެވެ. މިމެޗު ސީދާ ދެސެޓުން ނިބާލް ކާމިޔާބުކުރިއިރު އޭނާ މެޗުގެ ސެޓުތައް ގެންދިޔައީ 21 - 09، 21 - 15 ންނެވެ.
ގަދަ 32 ކުޅުންތެރިންގެ ބުރުގައި ނިބާލް މިއަދު ނުކުންނާނީ އިންޑިއާގެ ކިރަން ބަލާޖީއާ ދެކޮޅަށެވެ. ދެވަނަ ބުރަށް ދަތުރުކުރި ރާއްޖޭގެ އާކިފް ވަނީ ސީދާ ދެސެޓުން ރާއްޖޭގެ ލިޔާހު އަބްދުލް ލަތީފް ގާސިމް ބަލިކޮށްފަ އެވެ. މިމެޗުގެ ސެޓުތައް އާކިފް ގެންދިޔައީ 21 - 6، 21 - 7 ންނެވެ. ދެވަނަ ބުރުގައި އާކިފް ނުކުންނާނީ ސްޕެއިނުގެ ލުއިސް އެންރީކޭއާ ދެކޮޅަށެވެ.
ސިންގަލްސް އިވެންޓްގައި ރާއްޖޭން މެޗަކުން މޮޅުވެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ އަންހެން ބައިން އައިމިނަތު ނަބީހާ އެކަންޏެވެ. ނަބީހާ ވަނީ އިއްޔެ އީރާންގެ ސާރާ އަމީނިއާން ބަލިކޮށްފަ އެވެ.
ފިރިހެން ސިންގަލްސް އެހެން މެޗުތަކަށް ބަލާލާއިރު އިންޑިއާގެ ވައިބަވް އަތުން ރާއްޖޭގެ ހައިޝަމް އިބްރާހިމް ބަލިވިއިރު މުހައްމަދު ސާލިމް އަބްދުއްސަމަދު ބަލިވީ ނައިޖީރިއާގެ ޖުވޯން އޮޕެޔޮރީ އަތުންނެވެ.
އިންޑިއާގެ މަނިގަންދަން ރާޖޭސަކަރަން އަތުން އަހުމަދު ތޯއިފް މުހައްމަދު ވެސް ބަލިވިއިރު ރާއްޖޭގެ އިސްމާއިލް ނާބިތު އިބްރާހިމް، ހުސެއިން ޒަޔާން ޝަހީދު ޒަކީ އަދި އިބްރާހިމް ރަބީތުއާއި މުހައްމަދު އަޖުފާން ރަޝީދު ވެސް ވަނީ ފުރަތަމަ ބުރުން ބަލިވެފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ސާދިން ޖަލީލްއާއި ރިޝްވާން ޝިޔާމް ވެސް ވަނީ ފުރަތަމަ ބުރުން ބަލިވެފަ އެވެ.މިއަދު ސިންގަލްސް މެޗުތަކުގެ އިތުރުން ޑަބަލްސް މެޗުތައް ކުރިއަށްދާއިރު މިމުބާރާތް ކުރިއަށްދަނީ މާލޭ އެކުވެނި ބެޑްމިންޓަން ކޯޓުގަ އެވެ.