އިއްޔެ ނިމިގެންދިޔަ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ހޯދައިފި އެވެ.
ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ތޯއިފް އާއި ރިއާޒްގެ ޕެއާ ހޯދިއިރު އަންހެން ޑަބަލްސްގެ ތަށި ނެގީ ނަބީ އާއި ނަބާގެ ޕެއާއިންނެވެ.
މިފަހަރުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބީ އާއި ނިބާލްގެ ޕެއާއިންނެވެ. މިފަހަރުގެ ފައިނަލްތަކުގައި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ގިނަކަން ފާހަގަކޮށްލެވެ އެވެ.
އިއްޔެ ކުޅެވުނު ފައިނަލްތަކުގެ ތެރެއިން މިކްސް ޑަބަލްސްގެ ތަށި ނިބާލްއާއި ނަބީގެ ޕެއާއިން ނެގީ ތިން ސެޓު ކުޅެގެން ރާއްޖޭގެ އެންމެ މޮޅު މިކްސް ޕެއާ ޒަޔާންއާއި ނަބާ ބަލިކޮށްގެންނެވެ.
ފިރިހެން ސިންގަލްސް ފައިނަލުގައިި 3 ސެޓު ކުޅެގެން ނިބާލް އަތުން ޒަޔާން ޒަކީ މޮޅުވިއިރު މިމެޗުގައި ނިބާލްއަށް އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި އެވެ. އަންހެން ސިންގަަލްސް ފައިނަލް ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުން ނަބީ ބަލިކޮށްގެންނެވެ.
އަންހެން ޑަބަލްސްގެ ތަށި ހިއްލާލި ނަބީ އާއި ނަބާގެ ޕެއާއިން ވަނީ ފަސޭހަކަމާއެކު އާމިނަތު ނަސީމާ އާއި ބުސައިނާ އަހުމަދު ރިޒާގެ ޕެއާ ބަލިކޮށްފަ އެވެ.
ފިރިހެން ޑަބަލްސްގައި، ޒަޔާން އާއި ނިބާލްގެ ޕެއާއިން އަހުމަދު ތޯއިފް މުހައްމަދު އާއި ރިއާޒް މުހައްމަދުގެ ޕެއާ އާ ދެކޮޅަށް ނުކުތް ނަމަވެސް ނިބާލްގެ އަނިޔާގެ މައްސަލައާއި ގުޅިގެން އިތުރަށް އަނިޔާވެދާނެތީ މެޗު ދޫކޮށްލީ އެވެ.




