twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކަނބަލުންގެ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކެޑާއި ކޭއާރުއެޗުގެ ކުރިމަތިލުމެއް

މުޙައްމަދު އަހުމަދު
Oct 21, 2022

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ގުޅިގެން ބާއްވާ ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލުގައި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް)އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ވާދަކުރަން ޖެހިއްޖެ އެވެ.

މާދަމާ ހަވީރު 4 ޖަހާއިރު ޒޯން ސްޓޭޑިއަމް 1ގެ ސިޑިބަރި ކުރިމަތީގައި ކުޅެވޭ މެޗުގައި ގަދަ ހިފުމަކަށް ކެޑާއި ކޭއާރުއެޗު ނުކުންނައިރު މިމެޗަކީ އަންހެން ފުޓްސަލްގައި ފޯރިގަދަ މެޗަކަށް ވެގެންދާނެ އެވެ.

މިމުބާރާތުގެ ފައިނަލަށް ކެޑް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުނީކް ފްރެންޑްސް ބަލިކޮށެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޑްގެ ކީޕަރު މަރިޔަމް ޒާހިރު (މަރީ) އެވެ. އަދި ކޭއާރުއެޗުން ފައިނަލަށް ދަތުރުކުރީ ސެމީގައި ބީއެސްއޭގެ ޒުވާން ޓީމު ބަލިކޮށްގެންނެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭއާރުއެޗުގެ ހަދީޖާ މުހައްމަދު (ޖޫ) އެވެ.

ކެޑް ސެމީއަށް ދަތުރުކުރީ ގްރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ކޭއާރުއެޗު ދަތުރުކުރީ ގްރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖްގައި މީގެކުރިން މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޑަބްލިއުޑީސީއާއި ސްކައި ގުޅިގެން އިންތިޒާމު ކުރާ މިމުބާރާތުގައި 6 ޓީމަކުން ވާދަކުރާނެ އެވެ. މިމުބާރާތަކީ ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއަރުވާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމަށާއި ކުޅިވަރުގެ ރޫހާއެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ.

އަދި ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުމާއި ކުޅުދުއްފުށީގެ އަންހެން ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއްކަމަށް ޑަބްލިއުޑީސީން ވިދާޅުވެ އެވެ.

މިމުބާރާތުގައި ވާދަކުރި ޓީމުތަކަކީ ޔުނީކް ފްރެންޑްސްއާއި ބީއެސްއޭގެ އިތުރުން ފްލެމިންގޯ އެވެ. އަދި ކުލަބް ކޭއާރުއެޗާއި ޓައިޓަންސް އަދި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އެވެ.

މިމުބާރާތުގައި ގިނަ ވަނަތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއި ކީޕަރެއް ހިމަނައިގެން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން އަދި ކަނބަލުންގެ ފުޓްސަލް ކުއީންއާއި ކޮންމެ މެޗެއްގެ ކްއީން އޮފް ދަ މެޗުގެ އިތުރުން ފެއަރޕްލޭ ޓީމް، ރަނަރއަޕް ޓީމް އަދި ޗެމްޕިއަން ޓީމެވެ.

މާދަމާ ފައިނަލް މެޗް އޮންނައިރު އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ ސޮސައިޓީ ފޯ ޝަރީއާ އެންޑް ލޯ ޑިޕާޓްމަންޓުން "ޕާކިސްތާނަށް އެހީވަމާ" ކެމްޕޭނަށް ކެންޓީނެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ހަވީރު 4 ން 6 އަށް ކުރިއަށްދާ ކެންޓީނަކީ ކެމްޕޭނަށް އެހީ ހޯދަން ބާއްވާ ފަންޑްރައިޒިން އިވެންޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355