twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކަނބަލުންގެ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ކުލަބް ކޭއާރުއެޗަށް، ފުޓްސަލް ކުއީންއަކަށް މުޒްނާ

މުޙައްމަދު އަހުމަދު
Oct 23, 2022

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ގުޅިގެން ބާއްވާ ކަނބަލުންގެ ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލުގައި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ން ހޯދައިފި އެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމް 1ގެ ސިޑިބަރި ކުރިމަތީގައި ކުޅެވުނު މި ފައިނަލް މެޗުގައި ކެޑާއި ކޭއާރުއެޗު ބައްދަލުކުރިއިރު 2 - 1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ކޭއާރުއެޗުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކުލަބް ކޭއާރުއެޗުންނެވެ. 22 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުޒްނާ ހަސަން (މުޒޫ) އެވެ. އޭގެ 4 ވަރަކަށް މިނެޓުފަހުން އަނެއްކާވެސް ލަނޑެއް ޖަހައިދީ މުޒޫ ވަނީ ކޭއާރުއެޗަށް އިތުރަށް ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގައި ކެޑްގެ ހަމައެކަނި ގޯލު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 13 ރިޝްފާ އިބްރާހިމް (ރިޝް) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭއާރުއެޗުގެ މުޒްނާ (މުޒޫ) އެވެ.

މިމުބާރާތުގެ ފައިނަލަށް ކެޑް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުނީކް ފްރެންޑްސް ބަލިކޮށެވެ. އަދި ކޭއާރުއެޗުން ފައިނަލަށް ދަތުރުކުރީ ސެމީގައި ބީއެސްއޭގެ ޒުވާން ޓީމު ބަލިކޮށްގެންނެވެ.

ކަނބަލުންގެ ފުޓްސަލް ޗެލެންޖުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ބަޝީރު ސްޕޯޓްސް އެކަޑަމީ (ބީއެސްއޭ) އެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ކޭއާރުއެޗުގެ ހުނަރުވެރި ކީޕަރު ސަމާހަތު މުހައްމަދު (ސޭމް)އާއި އެޓީމުގެ ހަދީޖާ އަލީ (ޖޫ) އަދި މުޒްނާ ހަސަން (މުޒޫ)އާއި ކެޑްގެ އައިމިނަތު އަބްދުލް އަޒީޒް (އަމިން) އަދި ޔުނީކް ފްރެންޑްސްގެ ނާޒިމާ މުހައްމަދު (ނާޒި) އެވެ.

މުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވުނީ ކޭއާރުއެޗުގެ މުޒޫ އެވެ. މުޒޫ ވަނީ މުބާރާތުގައި ޖުމްލަ 7 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި ފުޓްސަލް ކުއީން އޮފް ދަ ޓޯނަމެންޓަށް ވެސް ހޮވުނީ މުޒޫ އެވެ. އޭނާ ވަނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

ޑަބްލިއުޑީސީއާއި ސްކައި ގުޅިގެން އިންތިޒާމު ކުރާ މިމުބާރާތުގައި 6 ޓީމަކުން ވާދަކުރި އެވެ. މިމުބާރާތަކީ ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއަރުވާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމަށާއި ކުޅިވަރުގެ ރޫހާއެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ.

އަދި ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުމާއި ކުޅުދުއްފުށީގެ އަންހެން ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއްކަމަށް ޑަބްލިއުޑީސީން ވިދާޅުވެ އެވެ.

މިމުބާރާތުގައި ވާދަކުރި ޓީމުތަކަކީ ޔުނީކް ފްރެންޑްސްއާއި ބީއެސްއޭގެ އިތުރުން ފްލެމިންގޯ އެވެ. އަދި ކުލަބް ކޭއާރުއެޗާއި ޓައިޓަންސް އަދި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355