twitterviber whatsapp telegramfacebookyoutube instagram
30th April 2024

ޕެރަލިންޕިކް ކޮމެޓީން ކައުންސިލާ ގުޅިގެން ސެން ޓީޗަރުންނަށް ހާއްސަ ތަމްރީނު ޕްރޮގުރާމެއް ހިންގަނީ

ނަބީލާ އިސްމާޢީލް
Oct 29, 2022

މޯލްޑިވްސް ޕެރަލިންޕިކް ކޮމެޓީން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ޓީޗަރުންނަށް ޓްރެއިނިން ޕްރޮގުރާމެއް ބާއްވަން ހަމަޖެހިއްޖެ އެވެ. މި ޓްރެއިނިން ޕްރޮގުރާމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބަޖެޓް ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އޮތް އެ ކައުންސިލުގެ 74 ވަނަ އާންމު ބައްދަލުވުގަ އެވެ.

"އައިއޭމް ޕޮސިބަލް" ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިން ޕްރޮގުރާމް އިންތިޒާމްތައް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ ބަޖެޓެއް ފާސްކޮށްފަ އެވެ.

"އައިއޭމް ޕޮސިބަލް" ޓީޗާރސް ޓުރެއިނިން ޕްރޮގުރާމަކީ މޯލްޑިވްސް ޕެރަލިންޕިކާ ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދޭ ޓީޗަރުންނަށް އަމާޒުކޮށް ހިނގުމަށް ހަމަޖެހިފައިވާ ޓްރެއިނިން ޕްރޮގުރާމެކެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވި މި ޕްރޮގުރާމްގެ ތެރެއިން ކުޅުދުއްފުށީ ސްކޫލްތަކުގެ ސެން ޔުނިޓްގައި މަސައްކަތްކުރާ ޓީޗަރުންނަށް ތަމްރީން ލިބިގެންދާނެ ކަމަށާއި މި ޕްރޮގުރާމަކީ މި ތިން އަތޮޅުގެ މި ފަދަ ޓީޗަރުންވެސް ޝާމިލްވާގޮތަށް ހިންގާ ޓްރެއިނިން ޕްރޮގުރާމެއް ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

މި ޕްރޮގުރާމް ހިންގަން އަންނަ ޓްރެއިނަރުންގެ އެކޮމަޑޭޝަން ހަމަޖެއްސުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުންނެވެ. ސިޓީ ކައުންސިލުގައި ބުދަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި މިކަމަށް ހިނގާ ހަރަދުގެ ގޮތުގައި އަންދާޒާކޮށް ކަނޑައަޅާފައިވަނީ 20،000 (ވިހި ހާސް ރުފިޔާ)ގެ ބަޖެޓެކެވެ.

އެގޮތުން މި ޖަލްސާގައި މި ޓްރެއިނިން ޕްރޮގުރާމަށް ވަޑައިގަންނަވާ 5 މެމްބަރުގެ ޓީމްގެ ހަރަދުތައް ހަމަޖެއްސުމަށް ވިހި ހާސް ރުފިޔާގެ ބަޖެޓެއް ހަމަޖެއްސުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެޖެންޑާގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވަނީ މި ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ.

މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355