- މިއީ ހިލޭ ކުރިއަށް ގެންދާ ހަރަކާތެއް.
އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ކުޅުދުއްފުށީގައި ބާއްވަން ތައްޔާރުވެ އެކަމަށް ހިނގާނެ ބަޖެޓް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ. މި ކޭމްޕް ހަރަކާތް އިންތިޒާމްތައް ހަމަޖެއްސުމަށް ބަޖެޓް ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އޮތް އެ ކައުންސިލުގެ 74 ވަނަ އާންމު ބައްދަލުވުގަ އެވެ.
ބައްދަލުވުމުގެ ބަހުސްއަށް ހުޅުވާލުމުން ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި މި ހަރަކާތަކީ ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކިއެކި ކަންކަން ފަހިވެގެން ދާނެ ހަރަކާތެއް ކަމަށެވެ.
އޭގެ ތެރޭގައި ސްޕީޗް ތެރަޕީއާއި އަޑު އިވުމުގައި ދަތިތައް ހުންނަ ކުދިންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ހާއްސަ އެހީއަށް ބޭނުންވާ ނުވަތަ އެ ގޮތަށް ފާހަގަ ކުރެވޭ ކުދިން ޑައިގްނޯސް ކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދެވޭނެކަމާއި އެ ކޮންސަލްޓެންސީތަކަކީ މުޅިން ހިލޭ ކުޅުދުއްފުށީގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ދެން ހަމަ ފާހަގަކޮށްލަން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި އިނީޝިއަލް އެސަސްމެންޓް މި ފަދަ ކުދިނަށް ހެދުމަށް މާލެ ނުވަތަ ރަށުން ބޭރަށް ދިއުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ ނުދެވިފަ ތިބި އާންމު ރައްޔިތުން. މި ކޭމްޕްގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ އެފަދަ ރައްޔިތުންނަށްވެސް ހިލޭ ހަމަޖެހިގެންދާތީ މިއީ ލިބޭ ނުހަނު ބޮޑު ފުރުސަތެއް ކަމަށް." މޭޔަރު ވިދާޅުވި އެވެ.
މިކޭމްޕްގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ޓީމުގެ އެކޮމަޑޭޝަން އާއި ކޮންސަލްޓަންޓް ކުރާނެ ތަނެއް ހަމަޖެއްސުމަށް ކައުންސިލުން ހަމަޖައްސާފައިވަނީ 60،000 ރުފިޔާގެ ބަޖެޓެކެވެ. މިއީ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތަކުގެ އިތުރުން ނާޒުކު ފަރާތްތަކަށް ހިންގޭ އެކިއެކި ޕްރޮގުރާމްތަކަށް މި އަހަރުގެ ކައުންސިލު ބަޖެޓުގައި ހަމަޖައްސާފައިވާ ބަޖެޓެކެވެ.
މި އެޖެންޑާގެ ބަހުސްއަށް ހުޅުވާލި ފުރުސަތުގައި ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ގިނަ އާއިލާތަކަށް ތަސައްލީއެއް ލިބިގެން ދާނެ ކަމަށެވެ.
"ހަމަ އޭގެ އިތުރުން އަޅުގަނޑު ފާހަގަކޮށްލަން 2020 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސްޕީޗް ތެރަޕިސްޓަކު ގެނެސްގެން މިހާތަނަށް ދެވެމުން އައި ހިދުމަތުގެ ތެރެއިންވެސް ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ކުދިންވަނީ ފަރުވާ ހޯދާފަ އަދި މިހާރުވެސް އާންމު ގޮތެއްގައި 90-100 ވަރަކަށް ކުދިން އެބަތިބި މި ހިދުމަތް ހޯދާ. އަދި ކައުންސިލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދަފުތަރުގަވެސް މި ފަދަ ކުދިންގެ ތެރޭގައިވެސް 100 އަށްވުރެ ގިނަ ކުދިން ދަފުތަރު ކުރެވިފައިވާކަންވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން. އަދި މި ވަގުތު ހޮސްޕިޓަލުގައި ތިބީ އެންމެ 2 ސްޕީޗް ތެރަޕިސްޓުން." މުހައްމަދު ދާއޫދު ވިދާޅުވި އެވެ.
އެހެންކަމުން މި ފަދަ ތެރަޕިސްޓުން މިކޮޅަށް އައިސް އެފަދަ ކުދިންނަށް ސައިކޮލޮޖިކަލް އެސަސްމެންޓް ހެދިގެން ދިއުމަކީ ބެލެނިވެރިންނަށް އެންސްޕާ ފަދަ ތަންތަނަށް ހުށަހެޅުމަށް ލިބިގެންދާ ވަރަށް ބޮޑު ލުއި ފަސޭހައެއްކަން އޭނާ ވިދާޅުވި އެވެ.
ކައުންސިލަރު އާމިނަތު މަޖީދާ ވިދާޅުވީ މިފަދަ ޕްރޮގުރާމެއް ހިނގިގެން ދިއުމަކީ ކައުންސިލަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ކުޅުދުއްފުށީ ސިޓީއަކީ ނިސްބަތުން ވަރަށް ގިނަ ހާއްސަ އެހީއަށް ބޭންވާ ކުދިން ހާއްސަކޮށް މީގަ މި ފާހަގަކުރާ ތެރަޕީދޭން އަބަދު ކަހަލަ ގޮތަކަށް މާލެދާން ޖެހޭ ބެލެނިވެރިން ވަރަށް ގިނަ ރަށެއް. އެހެންކަމުން ކައުންސިލުން މިފަދަ ފުރުސަތެއް ފަހިކޮށްދެވޭތީ ވަރަށް އުފާކުރަން." މަޖީދާ ވިދާޅުވި އެވެ
މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.