twitterviber whatsapp telegramfacebookyoutube instagram
29th March 2024

މި ޖައްސާލީ "ވާމްއަޕް" ކެމްޕޭންގެ އަތޮޅު ބުރެއް!

Oct 29, 2022

ފަތުރުވެރިކަމާ ގުޅޭ ވަޒީރުގެ މަގާމާ އަބްދުﷲ މައުސޫމް ހަވާލުވެވަޑައިގަތީއްސުރެން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުތަކެއް ހަމަޖައްސައިގެން ދިޔަ އެވެ. އެ ރަށްރަށުގައި ރަށު ފަތުރުވެރިކަން ފެށުމަށެވެ. އަދި ފުޅާކުރުމަށެވެ. އެ ކަމަށް ކޮންމެ ރަށެއް އިޝްތިހާރު ކުރުމަށެވެ. އެ ރަށެއް އިޝްތިހާރުކުރާނެ ކޮންސެޕްޓެއް ހޯދުމަށެވެ. މިއީ މަގުސަދު ކަމަށް ބުނެ ދަތުރުތައް ފެށިއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ރާހަތެއް ނުވާ ސަރަހައްދުތަކެއް ރާއްޖޭގައި އެބަ ހުއްޓެވެ. ހާއްސަކޮށް އެންމެ އުތުރާއި އެންމެ ދެކުނެވެ. އެހެން އަތޮޅުތަކުގައި ރިސޯޓެއް އޮތް އިރު، ހދ. އަތޮޅުގައި ރިސޯޓެއް ވެސް ނެތެވެ.

ބޭރު ގައުމުތަކުން ފްލައިޓްތައް އާންމުކޮށް މި ޖައްސަނީ އަދިވެސް މާލެ ސަރަހައްދުގައި ހުންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓުން ހއ. އަދި ހދ. އަތޮޅަށް ޑޮމެސްޓިކް ދަތުރުތައް ބަރާބަރަށް ވަކި ނުޖެއްސެ އެވެ. ހއ. ހޯރަފުށި އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓްގައި ލައިޓް ވެސް ހަރުކޮށްފައެއް ނެތެވެ. ރޭގަނޑު ފްލައިޓެއް އެޅޭނީ ވެސް ހދ. ހަނިމާދޫ އެއާޕޯޓަށް އެކަންޏެވެ. ޓޫރިސްޓުންނަށް ޑޮމެސްޓިކް ދަތުރުތަކުގެ އަގު ބޮޑުކަމުން ގިނަ ޓޫރިސްޓުން ހދ. އަތޮޅަކަށް ނާދެ އެވެ. ހަނިމާދޫއަށް ގެނެސް، ލޯންޗެއް ހިފައިގެން އެހެން ރަށަކަށް ގެންދަން ވެސް އަގު ބޮޑެވެ. ދަތުރުފަތުރުގެ ހަރަދުތައް އެންމެ ކޮޅަކަށް 3،000 ރުފިޔާއާއި 4،000 ރުފިޔާއާ ދެމެދު އަރާނެ އެވެ.

މިއީކީ އިހަށް ދުވަހަކު އުފެދުނު ޝަކުވާތަކެއް ނޫނެވެ. މީގެ 50 އަހަރު ކުރިން ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން އައި ފަހުން މިވީހާ ދުވަހު އުތުރުގެ ރަށްތަކުގެ މީހުން ކުރާ ޝަކުވާއެކެވެ. ރިސޯޓު ތަރައްގީކުރަން ރަށްރަށް ހުޅުވާލިޔަސް، އެ ހަދާނެ ބަޔަކު ނުވަނީ ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮވެ ބައިނަލް އަގްވާމީ ދަތުރުތައް ސީދާ އެ ސަރަހައްދަށް ނުކުރެވުމުންނެވެ. އަދި މާލެ ސަރަހައްދުގައި ހުރި އެއާޕޯޓުން ހެޔޮ އަގެއްގައި ޓޫރިސްޓަކަށް ނުދެވޭތީ އެވެ. އަދި ބައެއް ފަހަރު މާލެ އައިސް ދެތިން ރޭ މަޑުކޮށްފައި ނޫނީ އުތުރަށް ދެވެން ނެތުމުންނެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަކަށް މިދިޔަ ހަފުތާ ބަންދުގައި ވަޒީރު ވަޑައިގަތް އިރު، މި ޝަކުވާތަކަށް ހިތްހަމަޖެހުމެއް ލިބޭނެ ޖަވާބެއް ހިފައިގެނެއް ނުދެ އެވެ. ސަރުކާރުގެ ސިޔާސަތުތަކެއް އޮތަސް، އެއިން ތަންފީޒުކުރަމުންދާ ނޫނީ އަމަލު ކުރެވެމުންދާ ސިޔާސަތެއް ނެތެވެ. މުޅިން ހެން ވެސް ހިޔާލީ ފޮލާތަކެވެ. ރަށްރަށުގެ މީހުން ކުރާ މަސައްކަތްތަކާއި ސަގާފީ ހަރަކާތްތައް ދައްކައިގެން ޖީބަށް ޑޮލަރު ވައްދާ ވާހަކަ އެވެ. ހދ އަތޮޅަށް އަމާޒުކޮށް އަދި މާ ހާއްސަ ޕެކޭޖްތަކެއް ގެންނާނެ ކަމަށް ވައުދުވުމެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ވެސް ހަވާލުކުރެވުނީ އަދި ކިރިޔާ އެވެ. ހދ. އަތޮޅުގައި ޓޫރިސްޓު ރިސޯޓެއް ހަދަން ވެގެން ދޫކޮށްފައިވާ ނާގޯށީ ވެސް ނިމޭނެއޭ ހަމައެކަނި ބުނެލީ އެވެ.

އެ ދަތުރުގައި ބައިވެރިވެވަޑައިގެން ތިއްބެވީވެސް ބޮޑުތިލަދުންމަތީގެ ބޭފުޅުންނެވެ. ވަޒީރަކީ ހއ. ކެލައަށް އުފަން ބޭފުޅެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތީފަކީ ކުޅުދުއްފުއްޓަށް އުފަން ބޭފުޅެކެވެ. އަދި ކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސެވެ. އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) އަކީ ހއ. ދިއްދުއަށް އުފަން ބޭފުޅެކެވެ.

މި ވަފުދުގެ އިސްކޮށް މި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގައި އުތުރުގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުން ވެސް ތިއްބަވައިގެން އާ ވައުދުތައް ވެލެއްވީ އެވެ. އަނެއްކާ ވެސް އުންމީދުތަކެއް ދެއްވީ އެވެ. އެކަމަކު މިއީ މި ސަރުކާރު ވެސް ހަވާލުވިއިރު ހާލަތު އޮތް ގޮތް ކަން ރަނގަޅަށް އެނގޭނެ އެވެ. ހަތަރު ދުވަހުގެ ތެރޭގައި 11 އެއްހާ ރަށަށް ގޮސް، ކޮންމެ ރަށެއްގައި ބައްދަލުވުމެއް ބާއްވައި ސައިޓްތަކެއް ބަލާފައި ދިޔައީ އެވެ. މާ ބޮޑު ހަރަކާތެއް ވެސް ރަށްރަށުގައި ބޭއްވީއެއް ނޫނެވެ. މަންޒަރުތަކުން ސިފަވީ ހަމަ ކެމްޕޭން ދަތުރުތަކުގައި ރިޔާސީ ކެންޑިޑޭޓަކު އުޅޭ ގޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355