ށ. މާއުނގޫދޫގައި 3 ޒުވާނެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ ބަނޑަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. އަދި ދެވަނަ މީހަކަށް އެކިވަރު އަނިޔާ ލިބިފައިވާކަމަށެވެ.
މާއުނގޫދޫ ކައުންސިލް މެންބަރަކު ކޭއޯއަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 12:00 ހާއިރު ކަމަށެވެ. އަދި ހަމަނުޖެހުމުގައި ވަޅި ހެރި މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި ދެން ހުރި މީހާ ރަށު ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.
އަދި ބަނޑަށް ވަޅިހެރުމުން އަނިޔާވި 31 އަހަރުގެ ފިރިހެން މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ވަނީ ގެނެސްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިސަލް މުހައްމަދު މޫސާ ވިދާޅުވީ ޒަހަމްވި މީހާ ކޭއާރުއެޗަށް ގެނެސްފައިވަނީ ފަތިހު 5:00 ޖަހާކަށްހާއިރު ކަމަށެވެ. އަދި އޭނާ މިވަގުތު ސްޓޭބަލްވަމުން އަންނަ ނަމަވެސް އެތެރެ ހަޓަށް ގެއްލުމެއްވެފައިވޭތޯ ބެލުމަށް ލެޕަރަސްކޯޕިކް ސާޖަރީއެއް ހަދާނެ ކަމަށެވެ.