twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުންވާ ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާތަކެއް ފޭރިގަނެފި

އެކަނި އުޅެމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ ދުވަސްވީ މީހަކަށް އަނިޔާކޮށް އެ މީހާގެ ފައިސާތައް ފޭރިގަނެފައިވަނީ މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދަން އުޅުނު ޒުވާނެއް.

އަބްދުލް ވާހިދު ޙަސަން
Oct 4, 2023

ހދ ހަނިމާދޫގައި އެކަނި އުޅެމުންދިޔަ ދުވަސްވީ މީހެއްގެ ގެޔަށް ވަދެ، އެ މީހައަށް އަނިޔާކޮށް ފައިސާތަކެއް ފޭރިގަނެފި އެވެ.

ރޭ 23:30 ހާއިރު ހިނގި މިހާދިސާއާ ގުޅިގެން އެރަށު ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ، އެކަނި އުޅެމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ ދުވަސްވީ މީހަކަށް އަނިޔާކޮށް އެ މީހާގެ ފައިސާތައް ފޭރިގަނެފައިވަނީ މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދަން އުޅުނު ޒުވާނެއް ކަމަށެވެ.

އަނިޔާކުރާ އަޑުއިވިގެން އާންމުން ދިޔައިރު އެ މީހާއަށް ހަމަލާ ދިނުމަށްފަހު ފައިސާތައް ފޭރިގަނެގެން ޒުވާނާ ފިލައިފި އެވެ. އާންމުދިން މައުލޫމާތާއެކު އެ ޒުވާނާ ހޯދީ ކައުންސިލް މެމްބަރު އަލީ އެވެ. އޭރު އޭނާ ލައިގެން ހުރި ޓީޝާޓްގައި ލޭ ހުއްޓެވެ. އޭނާ ހޯދުމުގައި ރައްޔިތުންގެ އެހީތެރިކަން ލިބުނުކަންވެސް ފިރާގު ފާހަގަކުރެއްވި އެވެ.

ފިރާގު ވިދާޅުވީ، އޭނާ ފުލުހާ ހަވާލުކޮށްފައިވާއިރު ރޭގައި ވަނީ އޭނާ މަސްތުވާތަކެތި ގަންނަ ގެއާއި މީހުން މައުލޫމާތުވެސްދީފަ ކަމަށެވެ. އެކަމަކު ރަށުގައި ގާޒީއެއް ނެތުމުން ކޯޓް އަމުރު ފުލުހުންނަށް ނުލިބުމުން އެ ގެތައް ބަލާ ފާސްކުރެވިފައިނުވާކަމަށް ފިރާގު ވިދާޅުވި އެވެ. ފިރާގު ވަނީ މިމައްސަލަ ރަނގަޅަށް ބަލައި ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް އެދިފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ އެ ފިރިހެން މީހާއަކީ އެކަނި އުޅޭ ދިރިއުޅޭ މީހެއް ކަމަށާއި އެކަމަކު ދުވާލު ވަގުތުތަކުގައި އާއިލާގެ މީހުން އައިސް އުޅޭއިރު ކާން ދަނީ އާއިލާގެ ގެތަކަށް ކަމަށެވެ.

އެ މީހާގެ ހަށިގަނޑުގެ އެކިތައްތަކުގައި ޒަހަމްތައް ހުރިއިރު ބޯވެސް ވަނީ ފަޅާލާފަ އެވެ. އަދި ކަރު ދަށުގައިވެސް ޒަހަމު ހުރިކަމަށް ފިރާގު ވިދާޅުވި އެވެ. އެ މީހާއަށް އަނިޔާކޮށްފައިވަނީ ދަނޑިބުރިއަކުން ތަޅައިގެންކަމަށް ބެލެވޭކަމަށްވެސް ފިރާގު ވިދާޅުވި އެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ހާލު ދެރަކަމަށާއި މިހާރު އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ވަނީ ގެނެވިފަ އެވެ.

އެ މީހާގެ އަތުން ފޭރިގަނެފައިވަނީ ކިހާ ފައިސާއެއްކަމެއް ޔަގީނެއް ނުވެ އެވެ.

ކޭއާރުއެޗުން ބުނީ، 62 އަހަރުގެ އެ މީހާއަށް ފަރުވާ ދެމުންދާއިރު ބޮލުގައި ޒަހަމްތަކެއް ހުރުމުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355