އަޅުގަނޑުމެން މިހާ ހިސާބުން ޔަގީންކުރި ކަމަކީ އޭރުގައި އެ އޮތް އުސޫލަށް އަޅުގަނޑުމެންނަށް ބަދަލުގެނައުމުގެ ފުރުސަތުވެސް ނުލިބޭތީއާއެއްކޮށް، އެ އުސޫލާ އެއްގޮތަށް އެއްހަމައަށް ތޯ ފްލެޓްތައް ލިބިގެން މިދަނީ. އެކަންކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ޔަގީން ކުރިން.
ކުޅުދުއްފުށީ ބަންޑާރަހިޔާގައި އިމާރާތްކުރި ރޯހައުސްތައް ލިބިފައިވަނީ 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ފައިނަލްކުރި ލިސްޓަކަށް ކަމަށާ، އެ ލިސްޓަށް ބަދަލު ގެނައުމުގެ ފުރުސަތު ސިޓީ ކައުންސިލަށް ލިބިފައިނުވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި 165 ރޯހައުސް ނިމުން ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބަންޑާރަހިޔާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ބަންޑާރަހިޔާގެ ރޯހައުސް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާ އެ ރޯހައުސްތައް ލިބޭ ފަރާތްތަކުގެ ލިސްޓް 2016 ވަނަ އަހަރު ފައިނަލް ކުރި ކަމަށެވެ.
"ހާއްސަ 2014 ވަނަ އަހަރު މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ސަރުކާރުން. އެހެންނަމަވެސް މި ރޯހައުސްތައް މަރާމާތުކުރަން ނުވަތަ މިތަނަށް މީހުންނަށް ވަދެވޭނެ ގޮތެއް ހެދުމަށް އެއްވެސް ކަމެއްކޮށްފައެއް ނުވޭ." މޭޔަރު ވިދާޅުވި އެވެ.
"2016 ވަނަ އަހަރު ޖެނުއަރީމަހުގެ ތެރޭގައި މިތަންތަނުގެ ގުރުލާ ލިސްޓްތައް ފައިނަލްކުރި. މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެކަންވެސް އަޅުވަން އުޅެނީ. 2016 ވަނަ އަހަރު މިކަން ފައިނަލް [ބަންޑާރަހިޔާ ލިބޭ ފަރާތްތައް] ކުރި. އަޅުގަނޑުމެން މިހާ ހިސާބުން ޔަގީންކުރި ކަމަކީ އޭރުގައި އެ އޮތް އުސޫލަށް އަޅުގަނޑުމެންނަށް ބަދަލުގެނައުމުގެ ފުރުސަތުވެސް ނުލިބޭތީއާއެއްކޮށް، އެ އުސޫލާ އެއްގޮތަށް އެއްހަމައަށް ތޯ ފްލެޓްތައް ލިބިގެން މިދަނީ. އެކަންކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ޔަގީން ކުރިން." މޭޔަރު އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ 2012 ވަނަ އަހަރުގެ އެމްޑީޕީގެ ވެރިކަން ބަދަލުވުމާއެކީގައި ހައުންސިންގ މަޝްރޫއުތައް އެއްކޮށް ހުއްޓިގެންދިޔަ ކަމަށާއި މިއީ ދެ ކޮޅު ނުހެދޭނެ ހަގީގަތެއް ކަމަށެވެ.
"އަޅުގަނޑަށް މިރޭ ލިބޭ އުފަލަކީ މީގެ ކުރިން ނިމިފައި ހުރި ތަންތަނާއި މި ސަތޭކަ ފަސް ޔުނިޓާއި އެތަންތަނާ އަޅާ ބަލާއިރު ހާސްތަން ފުރިހަމަވެފައި ރައްޔިތުން އެދުނު ބަދަލުތައް މީގެ ތެރެއަށް ހިމެނިފައިވީތީ." މޭޔަރު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް ހަވާލުކުރެވުނު އަގަކީ 47 މިލިއަންކަމުގައިވިޔަސް މަސައްކަތް ނިމުނުއިރު ޕްރޮޖެކްޓްގެ އަގު 63 މިލިއަނަށް އަރާފައިވެ އެވެ. ކައުންސިލުން އެދުނު ބަދަލުތައް ގެނެވި 16 މިލިއަން ރުފިޔާގެ މަސައްކަތް އިތުރުކުރެވިފައިވެ އެވެ.