ސަރުކާރުގެ ވިސްނުމަކީ މަސްވެރިން ބޭނުންވާ ގޮތަށް ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓުގައި އަދި ކްރެޑިޓަށް ވެސް ތެޔޮ ލިބޭނެ ގޮތް އެސްޓީއޯ އިން ފިއުލް ސަޕްލައި މެދުވެރިކޮށް ހަމަޖައްސައިދިނުން ކަމުގައި ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފަރެސްމާތޮޑާގައި މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސިނާއަތުގައި ހައްލުކުރަން ޖެހިފައި ހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.
"ދިވެހިރާއްޖޭގެ މަސްވެރިކަމަށް ބަލާއިރު، މަސްވެރިކަމުގެ ސިނާއަތު ކުރިއަށް މިދަނީ ފަތުއަޑުކިޔާފައި ދުވަހުން ދުވަހަށް ކުރިއަށް. މިއީ މަސްވެރިކަމަށް ދިވެހި އޮޑިވެރިން ކުރާ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ނަތީޖާ. މަސްވެރިންގެ މިންނެތް މަސައްކަތާއި، މަސްވެރި އާއިލާތަކުގެ ގަދަފަދަ ހިތްވަރުގެ ނަތީޖާ. މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް މި ވޭތުވެދިޔަ ސަރުކާރުތަކުންވެސް ކުރިއަށް ފިޔަވަޅެއް އަޅާއިރު، މަސްވެރިން ތިބެނީ ތިން ހަތަރު ފިޔަވަޅު ކުރިއަށް އަޅައިގެން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިފްކޯއިން މަސްވެރިން އަތުން ގަތް މަހަށް ޖުމުލަ 965 މިލިއަން ރުފިޔާ ދީފާވާނެ ކަމަށެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް މިފްކޯއިން 59،000 މެކްޓްރިކްޓަނުގެ މަސް ގަނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ 2006 ވަނަ އަހަރުން ފެށިގެން މިފްކޯއިން މަސް ގަތް އެންމެ ގިނަ އަހަރުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ދޭ ވާހަކަ ދެއްކި ނަމަވެސް މަސްވެރިންނަށް ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އަދި މިއީ އެތައް ދުވަހެއް ވަންދެން ތަކުރާރުވަމުން އަންނަ ކަންބޮޑުވުންތަކެއް ކަންވެސް ފާހަގަކުރެއްވި އެވެ.
މަސްވެރިންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކުގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވަނީ ބާނާ ހުރިހާ މަހެއް ބައެއް ފަހަރު ނުކިރުވޭ މައްސަލައާއި މަސް ކިރުން ލަސްވެ މަސްކިރުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުމާއި ބޭނުންވާ ވަރަށް އައިސް އަދި ތެޔޮ ނުލިބުން ކަމަށެވެ.
މަސްވެރިންނަށް ޑިސްކައުންޓް ރޭޓުގައި ތެޔޮ ގަންނަން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންވެ ސަރުކާރުގެ ވިސްނުމަކީ މަސްވެރިން ބޭނުންވާ ގޮތަށް ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓުގައި އަދި ކްރެޑިޓަށް ވެސް ތެޔޮ ލިބޭނެ ގޮތް އެސްޓީއޯ އިން ފިއުލް ސަޕްލައި މެދުވެރިކޮށް ހަމަޖައްސައިދިނުން ކަމުގައި ވިދާޅުވި އެވެ.
މިފްކޯއިން މިހާރު މަސް ކިލޯއެއް ގަންނަނީ 17 ރުފިޔާ އަށް ކަމަށާއި އެ އަގު ބޮޑުކުރުމަށް މިފްކޯ އަށް މިވަގުތު ދަތިތަކެއް ހުރި ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ ގިނައިން ރާއްޖޭގެ މަސް އެކްސްޕޯޓު ކުރާ ޔޫރަޕުގެ ގައުމުތަކާއި އިނގިރޭސި ވިލާތުން ރާއްޖޭގެ މަހަށް 24 އިންސައްތަ ޑިއުޓީއެއް ނެގުމަކީ މަސް ގަންނަ އަގު ބޮޑުކުރަން އޮތް ގޮންޖެހުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އެއީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އަތުން ނަގާ އެއްޗެއް ނޫން. ސަރުކާރުން ދަނީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން. ދުރުނޫން މުސްތަގުބަލެއްގައި މިކަމަށް ހައްލެއް ގެނެސްދެވި މިއަށްވުރެ ރަނގަޅު އަގެއް ލިބިގެން ދާނެ. އޭރުން ގަންނަ މަހަށް ބޮޑު އަގު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށް ޕްރޮސެސްކޮށް ބޭރަށް އެކްސްޕޯޓް ކުރެވޭ ވަރަށް މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ކޫއްޑޫގެ ކެޕޭސިޓީ 4000 މެކްޓްރިކްޓަނަށް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ޓެންޑަ ޕްރޮސެސްގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ކޫއްޑޫގެ ކެޕޭސިޓީ 4000 މެކްޓްރިކްޓަނަށް ބޮޑުކުރުމުގެ މަސައްކަތް ޓެންޑާ ޕްރޮސެސްގައިވާ ކަމާއި، ތިނަދޫގައި ގާއިމުކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ގާއިމުރުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ. އަދި ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.