މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއީ، އެއް އަހަރުގެ ތެރޭގައި ސަރުކާރުން މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޭ އަހަރެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، 2006 ވަނަ އަހަރުގެ ފަހުން މިދިޔަ ހަފުތާގެ ނިޔަލަށް 59 ހާސް ޓަނަށް ވުރެ ގިނަ މަސް މިފްކޯ އަށް ގަނެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މިއީ މިފްކޯ އިން މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޭ އަހަރަށް ވާނެ ކަމަށައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 966 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށެވެ.
"އަހަރު ނިމިގެން ދާނީ މިފްކޯ އިން ދިވެހި މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދެވިގެން. މިއީ އެއް އަހަރުގެ ތެރޭގައި ސަރުކާރުން މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޭ އަހަރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ގިނައިން ފައިސާ ދިން ނަމަވެސް އެކަމަށް ހިޔަނި އެޅޭ ކަންތައްތަކެއް އަދިވެސް އެބަހުރިކަމަށެވެ.
"ދިވެހި މަސްވެރިކަން ފަތުއަޑު ކިޔާފައި ދުވަހުން ދުވަހަށް އެ ދަނީ ކުރިއަރަމުން. މިއީ މަސްވެރިކަމަށް ދިވެހި އޮޑިވެރިން ކުރާ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ނަތީޖާ. މަސްވެރިންގެ މިންނެތް މަސައްކަތާއި މަސްވެރި އާއިލާތަކުގެ ގަދަ ހިތްވަރުގެ ނަތީޖާ. މަސްވެރިކަމުގެ ތަރައްގީ އަށް ސަރުކާރުތަކުން ފިޔަވަޅެއް އަޅާއިރު މަސްވެރިން އެ ތިބެނީ ތިން ހަތަރު ފިޔަވަޅު ކުރިއަށް އަޅާފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިފްކޯއަށް މިހާރު މަސް ގަންނަ އަގެވެ. ސަރުކާރުގެ މަސް ކުންފުނިން މިހާރު ގަންނަނީ ކިލޯއެއް 17 ރުފިޔާގެ ރޭޓުންނެވެ.
ރައީސް ވިދާޅުވީ، ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ރޯމަސް ވިއްކަން ޖެހެނީ އެ އަށް ވުރެ އަގު ހެޔޮކޮށް ކަމަށެވެ. އެ ރޭޓުން ގަނެގެން އެ އަށް ވުރެ ކުޑަ އަގެއްގައި ވިއްކަން ޖެހުމުން މިފްކޯ އަށް އެތައް ރުފިޔާގެ ގެއްލުމެއް ލިބޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިފްކޯ އިން އެގޮތަށް ކަންކަން ކުރިއަސް، އެއީ ވިޔަފާރި އުސޫލުން މަސްވެރިކަމުގައި އުޅޭ އަމިއްލަ ކުންފުނިތަކަށް ފަސޭހަކަމެއް ނޫން ކަމަށެވެ.
"ކޮވިޑުގެ ދަތިކަމުގެ ތެރޭގައި މި ސިނާއަތުގެ ޕްރައިވެޓް ކުންފުނިތައް ދެމެހެއްޓުނީ ސަރުކާރުން ވެސް އެހީތެރިކަން ފޯރިކޮށްދީގެން. ހަގީގަތުގައި މި ސިނާއަތް ވެސް ކުރިއަރާނީ ޕްރައިވެޓް ސެކްޓަރުގެ ދައުރު މި ކަމުގައި ވީހާ ވެސް ފުޅާކޮށް މިނިވަން ވިޔަފާރިއަށް ޖާގަ ދީގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެންމެ ބޮޑު މާކެޓްތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި އިނގިރޭސި ވިލާތް ހިމެނެ އެވެ. އެ ދެ ސަރަހައްދުން ވެސް މަހުގެ އުފެއްދުންތަކަށް މިހާރު 24 ޕަސެންޓްގެ ބޮޑު ޑިއުޓީއެއް ނަގަ އެވެ. ސަރުކާރުން އަންނަނީ އެ ރޭޓް ކުޑަކުރަން އީޔޫއާއެކު މަޝްވަރާ ކުރަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ކައިރި ހިސާބެއްގައި އެކަމަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިން ބޮޑެތި އޮޑިފަހަރުގައި ބާނާ މަސް ގަނެ ފިނިކޮށް، އަދި ޕްރޮސެސްކޮށް، ބޭރަށް އެކްސްޕޯޓް ކުރެވޭ ވަރަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.
ކޫއްޑޫ މަސް ފެކްޓަރީގެ ކެޕޭސިޓީ އިތުރުކުރުމަށް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގަ އެވެ. ކޫއްޑޫގެ ބްރައިން ފްރީޒިން ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 1،250 ޓަނުގެ މަސް ރައްކާކުރާ ރީފަ ކޮންޓޭނަރު ޔާޑެއް ކޫއްޑޫގައި ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހު ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ގދ. ތިނަދޫގައި ވެސް 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ އާއި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދެ މަޝްރޫއު އަންނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ އެވެ.
"މި ދެންނެވި މަޝްރޫއުތައް ކުރިއަށް ދާއިރު، މަސް ކިރުމުގެ ދަތިތަކަށް ވަގުތީ ހައްލެއް ވެސް އެބަ ހޯދަން. މަސް ގަންނަ ތިން ބޯޓު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަދި ހަތަރު ވަނަ ބޯޓެއް ގަތުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައި. މި ހަތަރު ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 300 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއު ނިމޭއިރު ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ވެސް ދުވާލަކަށް 100 ޓަނަށް އިތުރުވާނެ ކަމަށެވެ. މ. މުލީގައި އަދި އިހަވަންދޫގައި ވެސް މަސް ފިނިކޮށް ރައްކާކުރެވޭނެ ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ފިލުވައިދީ، ރަނގަޅު ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށެވެ. ދިވެހި އޮޑިވެރިންނާއި މަސްވެރިން މަސްވެރިކަމުގެ ސިނާއަތުގައި ފިޔަވަޅު އަޅަމުން އަންނަ ހަލުއިމިނުގައި ފައިހަމަވާ މިންވަރަށް، އެ ދާއިރާގައި އެހެނިހެން ވަސީލަތްތައް ގާއިމު ކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.