twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޮޅިވަރަންފަރު ސަހަރާ ކޮނުނީ ހުއްދަނެތި، ކައުންސިލުން ކުށްވެރިކޮށްފި

ނަބީލާ އިސްމާޢީލް
Dec 13, 2022

ފުލުހުންގެ ބެލުމުގެ ދަށުން ރޭގެ ވަގުތެއްގައި ހދ ނޮޅިވަރަންފަރު ސަހަރާ ކޮނުނު މައްސަލަ ކުށްވެރިކޮށް އެރަށު ކައުންސިލުން ނޫސް ބަޔާން ނެރެފި އެވެ.

ފަންޑިތަވެރިކަމެއް ކަމަށް ބުނެ ފުލުހުންގެ ހާޒިރުގައި ރޭގެ ވަގުތެއްގައި ވަނީ އެރަށު ސަހަރާ ބަޔަކު ކޮނެފަ އެވެ.

ކައުންސލުން ބުނީ ރޭ 23:30 ގައި ނޮޅިވަރަންފަރު ސަހަރާ އާންމު ބަޔަކު ވަދެ ރުގްޔާގެ ނަމުގައި ކޮނުމުގެ މަސަކަތްކުރާ ކަމުގެ މައުލޫމާތު ލިބުމުން، ސަހަރާއަށް ދިޔައިރު އެކަން ކުރަމުންދަނީ އެރަށު ފުލުހުންނާއި އެރަށު ޕޮލިސް އިންޗާޖުގެ ހާޒިރުގައި ކަމަށެވެ.

އެ ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވާ ނެރެފައިވާ އެ ބަޔާނުގައި އިތުރަށް ބުނީ އެ ރަށުގެ ސަހަރާ ކޮނުމަށް އެދި އަނގަބަހުން އެކި ފަހަރަކު އެ ކައުންސިލަށް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެ ކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ލަފާ ލިބިފައިވަނީ ޝަރުއީ ރުގްޔާގައި ސަހަރާ ކޮނުމެއް ނޯނާނެ ކަމަށާއި އެކަން ކުރުމަށް ހުއްދަ ނުދިނުމަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އެ ލަފާއާ ގުޅިގެން އެކަން ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށް، އެކަމަށް އެދުނު މީހުންނަށް އަންގާފައިވާނެ ކަމަށްވެސް ކައުންސިލުންވަނީ ބުނެފަ އެވެ.

"ނޮޅިވަރަންފަރު ސަހަރާއަށް މި ކައުންސިލްގެ ހުއްދަނެތި ވަދެ، ކޮނެ ހިންގި އަމަލު މި ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކުރަން" ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރަށް ކައުންސިލުން ބުނީ ގާނޫނު ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތާއި ހަވާލުވެހުރި ފުލުހުންގެ މުއައްސަސާއިން މިފަދަ ކަމަކަށް އެއްބާރުލުން ދިނުމާއި މީޑިއާތަކުގައި އެ ކައުންސިލު ބަދުނާމުކޮށް ފުލުހުން މައުލޫމާތު ދީގައިވާ ކަމަށެވެ. އެހެންވުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކައުންސިލަށް ލިބިފައިވާ ބާރަށް އަރައިގަނެފައިވާކަމަށާއި އެކަން ހިނގާދިޔަ ގޮތްބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އެ ކައުންސިލުންވަނީ ގޮވާލާފަ އެވެ.

މިކަމާ ގުޅިގެން ރޭގަ ފުލުހުން ވިދާޅުވެފައިވަނީ އެފަރާތައް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު ސަހަރާ ބަލާފާސްކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355