ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ގޮޅިތަކުގެ ކެމެރާ ހަރުކުރުމަށް ސަރުކާރުގައި އެދޭތާ ފަސްއަހަރުވެއްޖެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުންނަ ގޮޅިތަކުގައި ކެމެރާ ހަރުކޮށް އެތަންތަން މޮނިޓަރ ކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުގައި އެދޭތާ އަހަރުތަކެއް ވެފައިވާކަން ކޭއޯއަށް އެނގިއްޖެ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ހުންނަނީ 15 ގޮޅި އެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ މުސްކުޅި އެ އިމާރާތުގެ ގޮޅިތަކުގެ ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްދިނުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެ ސްޓޭޝަނުން އެދޭތާ ފަސް އަހަރުވެއްޖެ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި އެތަނުގެ ގޮޅިތަކުގައި ކެމެރާ ހަރުކޮށްދިނުމަށް ހޯމް މިނިސްޓްރީގައި އާއި ޖަލުތަކުގެ ހާލަތު ބެލުމަށް ކޮންމެ އަހަރު އެ ސްޓޭޝަނަށް ޒިޔާރާތްކުރާ ސަރުކާރުގެ މުވައްސަސާތަކުގެ ޓީމުތަކުގައި އެދޭ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިރުވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް އެފަރާތްތަކުން ދީފައިނުވާކަން ފާހަގަކުރެވެ އެވެ.
ގޮޅިތަކުގައި ކެމެރާ ހަރުކޮށްދިނުމަށް އެ ސްޓޭޝަނުން އެދެނީވެސް ގޮޅިތަކުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ފުލުހުން އަނިޔާކުރާކަމަށް އާންމުކުރާ ތުހުމަތާއި އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ އަމަލުތައް މީގެ ކުރިންވެސް ގޮޅިތަކުގައި ހިނގާފައިވާތީކަމަށެވެ. އެހެންވުމުން ކެމެރާ ހަރުކޮށްފައިވާނަމަ އެފަދަ މައްސަލަތައް ތަހުގީގުކޮށް ހަގީގަތް ދެނެގަތުމަށް ފަސޭހަވާނެތީ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި މިއީ މިފަދަ ފުރަތަމަ މައްސަލައެއް ނޫނެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ބަންދުގައި ހުއްޓާ އެކި ފަހަރު މީހުން އަމިއްލައަށް ނަފްސަށް ގެއްލުންދޭ މަސައްކަތްކޮށްފައި އެބަހުއްޓެެވެ.
އެނގިފައިވާގޮތުގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބަންދުކޮށްފައި ހުރި ޒުވާނެއް މީގެ ކުރިން، ދެ ފަހަރެއް މަތިން ދަންޖެހެން މަސައްކަތްކުރި އެވެ. އެއިން ކޮންމެ ފަހަރަކުވެސް އެކަން ފުލުހުން ހުއްޓުވަ އެވެ. އެފަދަ މައްސަލަތައް ދިމާވެފައި ހުރުމުންވެސް ގޮޅިތައް ބެލުމުގައި ފުލުހުން އަބަދުވެސް ސަމާލުވާކަންދޭކަން ކޭއޯއަށް އެނގިފައިވެ އެވެ.
ކުޅުދުއްފުށީ ހުންނަ ޕޮލިސް ސްޓޭޝަނަކީ ރީޖަނަލް ހެޑް ކުއާރޓާއެއްކަމުން ތިން އަތޮޅު ބަލަހައްޓަން ޖެހެ އެވެ. އެކަން ކުރުމުގައި ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަދަދަށް ފުލުހުން ނެތުމެވެ.
ކުޅުދުއްފުށީގެ އިތުރުން ސަރަހައްދުގެ ގިނަ ރަށްތަކެއް ބަލަހައްޓަމުންދާއިރު ކުޅުދުއްފުށީ ސްޓޭޝަނުގައި މަސައްކަތް ކުރަނީ ނިސްބަތުން ވަރަށް މަދު ފުލުހުންނެވެ. ކޭއޯއަށް ސީދާ އަދަދު އެނގުނުކަމުގައިވިޔަސް ސަލާމަތީ ސަބަބުތަކަށްޓަކާ އެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ އަދަދު ހާމައެއް ނުކުރާނެ އެވެ.
ދެން އޮތް އެންމެ ބޮޑު މައްސަލައަކީ ވަސީލަތްތަކެވެ. އެކަށީގެންވާ ގާތަށްވެސް އެތަނުގައި ވަސީލަތެއް ނެތެވެ. އިމާރާތަކީވެސް ރައީސް މައުމޫނުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ މުސްކުޅި އިމާރާތެކެވެ. މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާގޮތުގައި އެ ސްޓޭޝަނަކަށް ސަރުކާރުގެ މާބޮޑު ސަމާލުކަމެއް ލިބެމަކުންނުދެ އެވެ.
ހދ ނޮޅިވަރަމު 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ، އދ ފެންފުށި ރޯޒީވިލާ، 32 އަހަރުގެ އަބޫބަކުރު ފައިސަލް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ގޮޅީގައި ހުއްޓާ ދަންޖެހި އަމިއްލައަށް މަރުވާން މަސައްކަތްކުރުމާ ގުޅިގެން ބަންދުގައި ބަހައްޓާފައި ތިބޭ މީހުންގެ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ބަލަމުންނުދާކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ.
އެހެންވުމުން އޭނާ މަރުވާން އުޅުނު މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އަންނަނީ ބަލަމުންނެވެ. އެ ދެ މުއައްސަސާގެ ޓީމުތައް މިހާރު އަންނަނީ ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހުނީ އޭނާ ހުރި ގޮޅީގައި އެވެ. ކޭއޯއަށް އެނގިފައިވާގޮތުގައި އެ ގޮޅި ފުލުހުން ދިޔައީ ކޮންމެ ދިހަ މިނެޓަކުން ބަލަމުންނެވެ. އެހެންވުމުން އޭނާ ދަންޖެހުނުތާ ކުޑަ ވަގުތުކޮޅެއް ނުވަނީސް ފުލުހުންނަށް ވަނީ ސީންއަށް އެޓެންޑުވެ، ކޭއާރުއެޗު ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.
ފައިސަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވިންދު ނެތެވެ. އަދި އެމަޖެންސީގައި ފަރުވާ ފަށާ، ވިންދު އައުމުން އައިސީޔޫއަށް ބަދަލުކުރެވި ވެންޓިލޭޓަރަށް ވަނީ ލާފައެވެ.
އެޗްއާރުސީއެމްއެޗުން ނެރެފައިވާ ހިއުމަން ރައިޓްސް ރިޕޯޓް 2021 ގައި ބުނެފައި އޮތީ ކަސްޓޯޑިއަލްތަކުގެ ހާލަތު ވަރަށް ގޯސް ކަމަށާއި ސިއްހީ ފަރުވާ ދެވޭނެ ނިޒާމެއް އެތަންތަނުގައި ގާއިމްވެފައި ނެތްއިރު ޕޮލިިސް ސްޓޭޝަންތަކާއި ކަސްޓޯޑިއަލްތަކުގައި އެކަށީގެންވާ މިންވަރަށް މުވައްޒަފުންވެސް ނުތިބޭ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސްލާހުކުރަން އަންގާފައިވާ ކަންކަމުގެ ތެރެއިން ފުރިހަމަ އަށް އިސްލާހުކޮށްފައިވަނީ 30 ވަރަކަށް ޕަސެންޓެވެ. ބައެއް ކަންކަމުގައި އިސްލާހީ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކޮށްފައިވާއިރު އެއްގޮތަކަށް ވެސް ރަނގަޅުކޮށްފައިނުވާ ކަންކަން ހުރިކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.