twitterviber whatsapp telegramfacebookyoutube instagram
27th April 2024

މިނިސްޓަރާއެކު ބާއްވަން އޮތް ބައްދަލުވުން ނުފެށި ގިނައިރުވުމުން ޕީޕީއެމް މެމްބަރުން ބައްދަލުވުން ބޮއިކޮޓް

އަބްދުލް ވާހިދު ޙަސަން
Dec 19, 2022
3

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއެކު، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ ބާއްވަން އޮތް ބައްދަލުވުން ނުފެށި ތިރީސް މިނެޓް ފާއިތުވުމުން، ކޮމެޓީގެ ބައެއް މެމްބަރުން ބައްދަލުވުން ބޮއިކޮޓްކުރައްވާ ވަޑައިގަންނަވައިފި އެވެ.

އިބަމަ ފެށުމަށްޓަކާ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީއާއެކު އެ މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރަކު ހިމެނިވަޑައިގަންނަވާގޮތަށް ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިދިޔަ ހޯމަދުވަހު އެވެ. އިބަމައާ ގުޅުން ހުރި މުހިންމު ފަރާތްތަކާ ބައްދަލުކުރި އެވެ. އެގޮތުން އަންހެނުންގެ ތަރައްގީ މަސައްކަތްކުރާ ކޮމެޓީވެސް ހިމެނެ އެވެ.

އަންހެނުންގެ ކޮމެޓީއާ ބައްދަލުކުރުން އޮތީ އާދިއްތަ ދުވަހު މެންދުރު 11 ޖަހާއިރު ސިޓީ ހޯލުގައި އެވެ. އެކަމަކު އެ ބައްދަލުވުން ފެށުނީ 11:40 ހިނގި ފަހުންނެވެ. އެހެން ދިމާވީ އޭގެ ކުރިން ސިޓީ ކައުންސިލާއެކު އޮތް މުހިންމު ބައްދަލުވުން ދިގުލުމުންނެވެ. ގަޑިއިރަކަށް އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުން ދިގުލީ، ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މުހިންމު ވާހަކަތަކެއް މިނިސްޓަރާ ހިއްސާކުރަން ވަގުތު ނެގީމަ އެވެ.

11:30 ވަންދެން މަޑުކުރުމަށްފަހު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ސިޓީ ކައުންސިލުން ނުކުމެވަޑައިގަތެވެ. އެވަގުތު ކޮމެޓީގެ ރައީސާ ހަދީޖާ މޫސާގެ އަރިހުން ކޭއޯ އިން ސުވާލުކުރުމުން ވިދާޅުވީ، ގަޑިޖެހި، ތިރީސް މިނިޓް ބެލުމަށްފަހު ދަނީ ކަމަށެވެ. ރައީސާއާއެކު 5 މެމްބަރުންވެސް ނުކުމެވަޑައިގެންނެވިކަމުގައިވިޔަސް އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުން މަޑުކުރެއްވި އެވެ.

ބައްދަލުވުން ފެށުން ލަސްވެގެން ވަޑައިގެންނެވި މެމްބަރުން

  • ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ / ޕީޕީއެމް
  • ކޮމެޓީގެ ނައިބު ރައީސާ އާތިފާ މުހައްމަދު / ޕީޕީއެމް
  • މެމްބަރު ސަމީމާ ހަސަން / ޕީޕީއެމް
  • މެމްބަރު ޝާހިދާ އާދަމް / ޕީޕީއެމް

އެމްޑީޕީގެ ދެ މެމްބަރުންކަމަށްވާ އަކުބަރީ މުހައްމަދާއި ފިރާޝާ އިބުރާހިމާއެކު މިނިސްޓަރު ބައްދަލުވުން ކުރިއަށްގެންދިޔަ އެވެ. ބައްދަލުވުން ފެށުން ލަސްވުމުން އެކަމަށް މިނިސްޓަރު މާފަށް އެދިވަޑައިގެންނެވެ.

އިބަމައާ އަންހެންގެ ކޮމެޓީއާ ބެހޭގޮތުން މުހިންމު މަޝްވަރާތަކެއް މި ބައްދަލުވުމުގައިވެސް ކުރިއަށްގެންދެވި އެވެ. އަދި އަންހެނުންގެ ދާއިރާ ކުރިއެރުވުމާއި ނާޒުކު ފަރާތްތައް ދެނެގަނެ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355