twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކުޅުދުއްފުށިން މި އަހަރު އަލަށް ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުން މީހުންނަށް ފުރުސަތު ހުޅުވާލައިފި

Dec 19, 2022

ކުޅުދުއްފުށިން މި އަހަރު އަލަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުން މީހުންނަށް ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒުން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ކުޅުދުއްފުށިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 22 ޑިސެމްބަރ 2022 އިން 19 ޖަނަވަރީ 2023 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހުން ހިމެނޭނަމަ އެ އާއިލާއަކުން އަލުން ފޯމު ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެ އެވެ.

އެ އިދާރާއިން ބުނީ ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށަހެޅުމުންކަމަށެވެ.

ފޯމް ދޫކުރުން ކުރިއަށްދާނީ 22 ޑިސެމްބަރުން 19 ޖެނުއަރީ 2023 އަށް ރަސްމީ ދުވަސްތަކުގެ 08:30 ން 13:00 އަށް ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުންނެވެ. އަދި މި ތާރީހުގެ ފަހުން ގެނެވޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ފޯމް ބަލައިގަތުން ކުރިއަށްދާނީ ހަމަ އެ ތާރީހުގައި 09:00 ން 12:00 އަށް ކައުންސިލް އިދާރާއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355