އޮމާން ޕާލިމެންޓްގެ މެމްބަރަކު ވޯލްޑްކަޕުގެ ފައިނަލުގައި މެސީ ތައްޓާ ހަވާލުވުމުގެ ކުރިން އެޅި ބިޝްޓް ހޯދުމަށް 1 މިލިއަން ޑޮލަރުގެ އޮފާއެއް މެސީއަށް ހުށައަޅައިފި އެވެ.
ބިޝްޓަކީ އަރަބިންގެ ސަގާފަތުގެ ތެރެއިން ކައިވެނި ހަފްލާތަކާއި ދީނީ ހަފްލާތައް ކަހަލަ ހާއްސަ ރަސްމިއްޔާތުތަކުގައި އެޅުމަށް ބޭނުންކުރާ އަރަބިކް ރޯބެކެވެ. ގަތަރުގެ އަމީރު ވަނީ ވޯލްޑްކަޕުގެ ފައިނަލުގައި ފްރާންސް އަތުން އާޖެންޓީނާ ހޯދި މޮޅަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީގެ ގައިގައި ބިޝްޓެއް އަޅުވާ ހަދިޔާކޮށްފަ އެވެ.
ބިޝްޓް އަޅައިގެން މެސީ ޓްރޮފީއާ ހަވާލުވުމުން ގިނަ ބަޔަކު ވަނީ އާޖެންޓީނާގެ ހާއްސަ ވަގުތުކޮޅު ފުޑުވާލުމަށް މުބާރާތުގެ ހޯސްޓް ނުވަތަ އޯގަނައިޒަރުން ހިންގި އަމަލެއް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އޯގަނައިޒަރުންނަށް ރައްދުކޮށްފަ އެވެ.
ނަމަވެސް މިކަން ގަބޫލުކުރި އެކަކު އުޅެ އެވެ. އޮމާންގެ ޕާލިމެންޓުގެ އަހްމަދު އަލް ބަރްވާނީ ވަނީ ޓްވީޓަކުން މެސީ ގަތަރު ވޯލްޑްކަޕް ހިއްލާލުމުން މަރުހަބާ ކިޔާފަ އެވެ. އަދި އޭނާގެ ބިޝްޓް ހޯދުމަށް އެދި 1 މިލިއަން ޑޮލަރު (8 ލައްކަ 28 ހާސް ޕައުންޑް) ގެ އޮފާއެއް މެސީއަށް ހުށައަޅާފަ އެވެ.
ފަހުން ދަ ނޭޝަނަލްއަށް ދިން އިންޓަވިއުއެއް އަހްމަދު ބުނީ އެއަދަދަކީ މެސީގެ އެއް ހަފްތާގެ މުސާރަކަމަށާއި އޭތި އޮފާ މެސީއަށް ހުށައަޅާ ކަމަށް ބުނެފަ އެވެ. އަދި އޭނާއަށް އެކަން ކާމިޔާބުވެއްޖެނަމަ އޭތި ބޭނުންކުރާނީ އެހާއްސަ ވަގުތުކޮޅުގެ ހަނދާނުގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އަހަރެން ހުރިން ދަނޑުގައި މެސީއަށް ގަތަރުގެ އަމީރު ބިޝްޓް ހަވާލުކުރި މަންޒަރު ބަލަން. އެވަގުތުކޮޅު މުޅި ދުނިޔެއަށް ބުނެދިނީ އަހަރެމެން މިތާތިބި ކަމާއި މިއީ އަހަރެމެންގެ ސަގާފަތްކަން." އަހްމަދު އަލް ބަރްވާނީ ބުންޏެވެ.
މިފަހަރުގެ ވޯލްޑްކަޕުގެ ތަށި އާޖެންޓީނާއިން ހިއްލާލީ 3 - 3 ން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4 - 2 ން ޑިފެންޑިން ޗެމްޕިއަން ފްރާންސް ބަލިކޮށްގެންނެވެ.