twitterviber whatsapp telegramfacebookyoutube instagram
21st May 2024

މި ދައުރު ނިމޭ އިރު ލަފާފުރުމަށް ދަތި ރަށެއް ނޯންނާނެ: ރައީސް

ނަބީލާ އިސްމާޢީލް
Dec 24, 2022

މި ސަރުކާރުގެ ވެރިކަމުގެ 5 އަހަރު ނިމޭ އިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގއ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަހައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމުގެ 5 އަހަރު ނިމޭ އިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ރައީސްވަނީ ދާންދޫގައި މިހާރުވެސް 12 އަށް ވުރެ ގިނަ މަޝްރޫއު އެކި މަރުހަލާގައި ހިނގަމުންދާކަން ފާހަގަކުރައްވައި، ދާންދޫއަށް އިތުރު މަޝްރޫއުތައް އިއުލާންކޮށްދެއްވާފައެވެ.

އެގޮތުން ރައްޔިތުންގެ އެދުމުގެ މަތިން ދާންދޫގައި ބޭންކެއް ގާއިމްކުރުމަށާއި، މަސްވެރި ރަށަކަށް ވުމުން ދާންދޫގައި އޮޑި އެހެލާނެ ސަރަހައްދެއް، ބަނދަރު މަޝްރޫއާއެކީ ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ދާންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންއާއެކު ބްލަޑް ބޭންކާއި، ސްކޫލްގެ މަލްޓިޕާޕަސް ހޯލާއެކު ކްލާސްރޫމް އިތުރުކުރައްވާނެކަން ވެސް އެމަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ކަންބޮޑުވުނަތަކަށްވެސް އެދެވޭ ހައްލުތައް ވަރަށް އަވަހަށް ފެންނަމުންދާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކާނެ ކަމަށާއި އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ މިންވަރަށް ތެލާއި ޑީސަލް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށާއި ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދާންދޫއަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355